މާޒިޔާއަށް ކުރިން ކޯޗުކަންކޮށްދިން މެސެޑޯނިއާގެ ކޯޗު އަނެއްކާވެސް އެޓީމަށް އިރުޝާދުދެނީ..

ކިޔުމަށް ހޭދަވާނީ 1މ 28ސ
މާޒިޔާއަށް ކުރިން ކޯޗުކަންކޮށްދިން މެސެޑޯނިއާގެ ކޯޗު އަނެއްކާވެސް އެޓީމަށް އިރުޝާދުދެނީ..

މާޒިޔާއަށް ކުރިން ކޯޗުކަންކޮށްދިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ އަނެއްކާވެސް އެޓީމަށް އިރުޝާދުދިނުމަށް މާޒިޔާއާ ގުޅިއްޖެއެވެ.

މާޒިޔާއަށް ގެނައި ބިދޭސީ ފުރަތަމަ ކޯޗުގެ ގޮތުގައި ސެކުލޮސްކީ ވަނީ 2017 ވަނަ އަހަރު އެޓީމަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްދިން ނަމަވެސް ޕްރިމިއަރ ލީގުގެ ވަކި ހިސާބަކުން ކޯޗާއެކު އެޓީމުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން މަދު ދުވަސްކޮޅެއް އޮއްވާ ދެ ފަރާތުގެ އެއްބަސްވުމެއްގެދަށުން އޭނާ މާޒިޔާ ދޫކޮށްދިޔައެވެ.

ސެކުލޮސްކީގެ މާލިމީކަމުގައި 2017 ވަނަ އަހަރު ވެލެންސިއާ ބަލިކޮށް އެ އަހަރުގެ ޗެރިޓީ ޝީލްޑް އުފުލާލާފައިވާ އިރު، އެ އަހަރުގެ އެސްޓީއޯ މާލޭ ލީގުވެސް ވަނީ ކާމިޔާބުކޮށްފައެވެ. އަދި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރަނގަޅު ނަތީޖާތަކެއްވެސް ނެރެފައިވެއެވެ. ނަމަވެސް ދެ ވަނަ ބުރުގެ ޖާގަ ގެއްލުނީ ފަހު މެޗުން ރަށުންބޭރުގައި ބެންގަލޫރު އަތުން ބަލިވުމުންނެވެ.

ސެކުލޮސްކީގެ ކޯޗުކަމުގައި މާޒިޔާ އިން ކުޅުނު 31 މެޗުގެ ތެރެއިން 19 މެޗުން މޮޅުވި އިރު، 7 މެޗުން ވަނީ ބަލިވެފައެވެ. އަދި ފަސް މެޗު ނިމުނީއެއްވަރުވެގެންނެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް އަންނަ ޖޫން މަހު ފެށުމަށް ވަނީ ތާވަލުކޮށްފައެވެ. އަދި ޓީމުތަކުން ސީޒަނަށް ތައްޔާރުވަމުން އަންނަ އިރު، އެ ޓީމުން ވަނީ ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ނިއު ރޭޑިއަންޓުގެ އަހުމަދު އަބްދުﷲ (ލިލީ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) އެޓީމަށް ގެނެސްފައެވެ.

ފައިބެއަހަރު މާޒިޔާއަށް ކޯޗުކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ)އަށް އެ ޓީމާއެކު ކަނޑައެޅި ޓާގެޓަށް ވާސިލްނުވެވުމުގެ ސަބަބުން އޭނާ ވަނީ އެ މަޤާމުން ވަކިކޮށްފައެވެ.

މިއަދު އޮންލައިން