--ލަންކާގަ ދެމުންދާ ހަމަލާތަކުގެ މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގަން ރައްޔިތުން ގޮވާލަން ފަށައިފި
މިއަދު ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން ދެހިވެލާއިން ބައަކު ހައްޔަރުކޮށްފަިވާ ކަމަސް ބައެއް ނޫސްތަކުން ބުނެފިއެވެ.
ލަންކާގައި މިއަދު ދެމުން ގެންދާ ޓެރަރިސްޓް ހަމަލާތަކުގެ ފުރިހަމަ ތަޙްޤީޤެއް ހިންގަން ރައްޔިތުންގެ ގިނަ ބައަކު ދަނީ ގޮވާލަމުންނެވެ.
ބައެއް މީހުން ބުނަމުން ގެންދަނީ ލަންކާގައި މިހާރު ޓެރަރިސްޓުން ނެތް ކަމަށާއި މިއީ ސިޔާސީ ބައަކު ހިންގުވާ ޖަރީމާތަކެއް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. "ބޭނުންވެގެން އެއުޅެނީ ބިރުވެރިކަމެއްގެ ތެރެއަށް ޤައުމު ވައްޓާލައި އިންތިޚާބު އަވަސްކުރަން. ނިކަން ބަލަން ތިބޭ. ރަނގަޅު ތަޙްޤީޤެއް ކުރެވިއްޖެ ނަމަ ރީތި ކަންތައްތަކެއް އެނގިގެންދާނެ."
ސްރީލަންކާގައި މިއަދު ދެމުންދާ ހަމަލާތައް އެމެރިކާގެ ބައެއް ނޫސްތަކުން މިހާރުވެސް ވަނީ މުސްލިމުންގެ ބޮލުގައި އަޅުވަން ފަށައިފައެވެ. އެކަމާއި ގުޅިގެން މިއަދުނޫހަށް މައުލޫމާތު ދެއްވި ލަންކާ މުސްލިމް ޖަމާއަތެއްގެ އިސް ބޭފުޅަކު ވިދާޅުވީ ލަންކާގެ މުސްލިމުންނަކީ މީހުން މަރާ ބައެއް ނޫން ކަމަށެވެ.
"އަބަދުހެން އެގެންދަނީ މުސްލިމުންނަށް ހަމަލާދީ މަރަމުން. މުސްލިމުންގެ މުދާތައް އަންދަމުން. ބަދަލު ހިފަންވެސް މުސްލިމުން ކުރި އެއްވެސް ކަމެއް ނޯންނާނެ. މުސްލިމުންނަކީވެސް ކްރިސްޓިއަނުންނަކީވެސް ލަންކާގައި މައިނޯރިޓީ. އަހަރެމެން ދެބައިމީހުންނަކީ ވެސް ގުޅިގެން އެކުވެރިކަމާއިއެކު އުޅެމުންދާ ބައެއް." ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 192އަށް އަރައިފައެވެ.