ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ޓެރަރިސްޓް ހަމަލަތަކާ ގުޅިގެން ދިވެހިން ޓެރަރިޒަމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ވާހަކަ ދައްކަމުންދާ ކަމަށާއި އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ) މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޑީއެފްގެ ހެޑްކުއާޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމީދު ވިދާޅުވީ ލަންކާއަށް ދިން ހަމަލަތަކާ ގުޅިގެން އޮންލައިން އަދި ސޯޝަލް މީޑިއާ ވަރަށް ރަނގަޅަށް މޮނިޓަ ކުރަމުންދާ ކަމަށެވެ. އަދި ޓެރަރިޒަމަށް ހިތްވަރު ލިބޭ ފަދަ ވާހަކަތައް ނުދެއްކުމަށް ވެސް ސީޕީ ހަމީދު އެދިވަޑައިގެންނެވި އެވެ.
"މީޑިއާ ކައުންސިލާއި އެކަމަށް ޒިންމާވާ، މަސްއޫލުވާ ފަރާތްތަކާ މެދުގައި މަޝްވަރާކޮށްގެން ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ ހިސާބަށް ދިއުމާއެކު ފިޔަވަޅު އަޅާނަން،" ސީޕީ ހަމީދު ވިދާޅުވި އެވެ.