ސްރީލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކަށްފަހު ނުފެންނަ ގިނަ ބައަކު ތިބުމުން ޢާއިލާތަކުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ބައެއް ޢާއިލާތަކުން ބުނެފައިވަނީ އެމީހުން ގެއަށް އަދިވެސް ނުއަންނަ ކަމަށާއި އެމީހުންނަށް ވީގޮތުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.
އިއްޔެގެ ހާދިސާ އާއި ގުޅިގެން މަރުވި މީހުންގެ ރަސްމީ އަދަދު މިހާރު ވަނީ 290 އަށް އަރައިފައެވެ. އަދި 700 އާއި ގާތްކުރާ އަދަދަކަށް މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ގެންދާއިރު ގިނަ ބައެއްގެ ޙާލު ވަރަށް ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިހާރު ލިބެމުންދާ މައުލޫމާތުތަކަށްބަލާއިރު ޝަންގްރިއްލާ ހޮޓަލުގައި 2 ބޮން ގޮއްވާލީ ޑެމަޓަގޮޑާގެ އެޑްރެހެއްގައި މިމަހުގެ 20 ވަނަ ދުވަހަކު ހޮޓަލަށް ޗެކިންކޮށްފައިވާ ދެމީހެކެވެ. ނަމަވެސް އެއީ އެމީހުންގެ ޙަޤީޤީ އެޑްރެސްކަން އަދި ޔަޤީނެއް ނުކުރެވެއެވެ. ފަސްތަރީގެ ހޮޓާތަކަށް ލަގެޖް، އަތް ދަބަސް ފަތަ ތަކެތި ވެއްދެނީ ސެކިޔުރިޓީ ޗެކެކޮށްގެން ކަމަށްވާއިރު އެތަކެތި ވެއްދި ގޮތަކާއިމެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.
ހަމަލާތަކާއި ގުޅިގެން 24 މީހަކު މިހާރުވެސް ވަނީ ހައްޔަރުކޮށްފައެވެ. މިމީހުންނާއިބެހޭ ތަފްޞީލުތައް އަދި ހާމައެއް ނުކުރެއެވެ. މިފަދަ ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ކުރިއަށް ލިބި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ މައްސަލަ މިހާރު ވަނީ ވަރަށް ހޫނުވެފައެވެ.