މަރާލައިފާނެތީ އެއްވެސް ބިރެއް ނުގަންނަ ކަމަށާއި ދެރަވަނީ އެއްވެސް ކުށެއް ނެތް އެތައް ބައަކު މެރުމުން ކަމަށް އިއްޔެ ފައްޅިއަކަށް ދިން ހަމަލާއަކުން ސަލާމަތްވި އަންހެނަކު ބުނެފިއެވެ. އޭނާ ބުނީ ގިނަ ބައަކު މަރާލުމުން މިކުރެވެނީ މޮޅުކަމެއް ކަމަށް އެކަން ކުރި މީހުންނަށް ޤަބޫލު ކުރެވުނު ނަމަވެސް ޙަޤީޤަތަކީ ފިލައި ތިބެ މީހުން މެރުމަކީ ހިތްވަރުގަދަ އަމަލެއް ނޫން ކަމަށާއި އެއީ ވަރަށް ފިނޑި އަމަލެއް ކަމަށެވެ.
ބައެއް ފަޅިތަކުގެ އިސް މީހުން ބުނެފައިވަނީ ސްރީލަންކާގައި ކްރިސްޓިއަނުންނަކީ ޤައުމުގެ ސިޔާސީ އެއްވެސް ކަމަކާއިބެހި އަދި އެއްވެސް ބައަކު ރުޅިއަންނަން ޖެހޭނެ އެއްވެސް ކަމެއް ކުރާ ބައެއް ނޫން ކަމަށެވެ. އެހެންކަމުން ފައްޅިތަކަށް ހަމަލާދީ މީހުން މަރަންޖެހެންވީ އެއްވެސް ސަބެއް ނެތް ކަމަށެވެ.
މއްސލަ ދިރާސާކުރާ ބައެއް މީހުން ބުނެފައިވަނީ ފައްޅިތަކަށް ހަމަލާ ދިނީ ދީނީ ކަމަކަށް ހަދަން ކަމަށާއި ނަމަވެސް އިއްޔެ ދިން ހަމަލާތަކަކީ ދީނީ އެއްވެސް ކަމަކާއި ގުޅުން ހުރި ކަމެއް ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ދީނީ ކަމެއް ނަމަ ގިނައިން ޢާންމުން އުޅޭ ތަންތަނަށާއި ފަސްތަރި ހޮޓާތަކަށް ހަމަލާ ނުދޭނެ ކަމަށެވެ. އަދި އެއާޕޯޓަށް ގެއްލުން ދޭން މަސައްކަތް ނުކުރާނެ ކަމަށެވެ.
ސްރީލަންކާގައި އިތުރު ހަމަލާތަކެއް ދީފާނެ ކަމުގެ ބިރު އެބައޮތްކަމަށް އެމެރިކާއާއި އެހެންވެސް ބައެއް އިންޓެލިޖެންސް އިދާރާތަކުން ދަނީ ބުނަމުންނެވެ. ފުލުހުންނާއި ސިފައިން މިހާރުވެސް ގެންދަނީ ޝައްކު ކުރެވޭ ސަރަހައްދުތައް ބަލައި ފާސްކުރަމުންނެވެ. އެގޮތުން ދާދި ދެންމެ ވަނީ މައުންޓްލެވީނިއާގައި ޚާއްޞަ އޮޕަރޭޝަން ތަކެއް ކުރިއަށް ގެންދަން ފަށައިފައެވެ.