ހަދަމުން އަންނަ މުޙައްމަދު ޖަމީލު މިސްކިތުގެ ދެވަނަ ފަންގިފިލާއިން އިއްޔެ ފަތިހު ވެއްޓި، ސީރިއަސް އަނިޔާތަކެއްވި، އެސްޓީއޯގެ އިސް ވެރިއެއް ކަމަށްވާ މުސްތަފާ އަޒްމީ (41އ.) ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށާއި އެހެންކަމުން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވޭތޯ މަޝްވަރާ ކުރަމުން އަންނަ ކަމަށް އާއިލާއިން މިއަދު ބުނެފިއެވެ.
އެސްޓީއޯގެ އައިޓީ ޑިޕާޓްމަންޓްގެ އެންމެ އިސް ވެރިއަކަށް ހުންނެވި އަޒްމީ، އެމިސްކިތުގެ ދެވަނަ ފަންގިފިލާއިން ވެއްޓިފައިވަނީ، އެތަނުގައި ލަކުޑީގެ މަސައްކަތެއް ކުރައްވަން އުޅުއްވަނިކޮށެވެ. އޭނާއަކީ ލަކުޑީގެ ތަފާތު މަސައްކަތް ކުރައްވަމުން އަންނަ ހުނަރުވެރި ބޭފުޅެކެވެ.
އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން އަޒްމީގެ އާއިލާގެ ފަރާތުން ބުނީ، އޭނާގެ ސިކުނޑީގެ އެއްވެސް ހަރަކާތެއް ނެތް ކަމަށާއި މޭ ކަށިގަނޑުން ކަށިކޮޅެއް ވެސް ބިންދައިގެން ގޮސް ފުއްޕާމެއަށް ހެރިފައިވާ ކަމަށެވެ.
"މިއަދު ހެދި ޓެސްޓުން ވެސް ދައްކަނީ ސިކުނޑީގެ އިތުރު ހަރަކާތެއް ނެތް ކަމަށް. އަޒްމީ ބޭރަށް ގެންދަން މިހާރު އަޅުގަނޑުމެން މިމަޝްވަރާ ކުރަނީ" އައިލާގެ ފަރާތުން ބުންޏެވެ.
އަޒްމީގެ ގާތް މީހަކު އިއްޔެ "މިއަދުނޫހަށް" މައުލޫމާތު ދެމުން ބުނީ އޭނާ ފުރަތަމަ ގެންދެވުނީ އައިޖީއެމްއެޗަށް ކަމަށެވެ. އެހޮސްޕިޓަލުން ބެލި ޑޮކްޓަރުންނަށް މާ ބޮޑު މައްސަލައެއް ފާހަގަ ނުކުރެވުނު ކަމަށާއި ރަނގަޅުވަމުން އަންނަ ކަމަށް ބުނި ކަމަށް ވެސް އެމީހާ މައުލޫމާތު ދިނެވެ. ނަމަވެސް އަނގައިން ލޭ ވެސް އަންނަން ފެށުމުން ޢާއިލާއިން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ބެލިއިރު ސިކުނޑިއަށް ލޭ އެޅުން ފަދަ މައްސަލަތަކެއް ހުރުމުން އިއްޔެ ފަތިހު އޮޕަރޭޝަންވެސް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.