ޝިމާ ގެއްލުމާއި އޭނާގެ ކޮއްކޮ ގޮވައިގެން ފިލަން އުޅުމުގައި ފަޒީލްގެ ގުޅުމެއް ނެތް: ފުލުހުން

ކިޔުމަށް ހޭދަވާނީ 2މ 8ސ
ޝިމާ ގެއްލުމާއި އޭނާގެ ކޮއްކޮ ގޮވައިގެން ފިލަން އުޅުމުގައި ފަޒީލްގެ ގުޅުމެއް ނެތް: ފުލުހުން

މިދިއަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ، ލ. ކައްދޫން މާމެންދޫ އަށް ދަތުރު ކުރަނިކޮށް ދަތުރުކުރި ޑިންގީ ބަންޑުން ޖަހާލައިގެން މާމެންދޫ އައިމިނަތު ޝިމާޒާ ނާފިޒު 19، ގެއްލުނު ހާދިސާއާއި ޝިމާ އޭނާގެ ކޮއްކޮ ގޮވައިގެން އިބްރާހިމް ފަޒީލް ފިލަން މަސައްކަތްކުރުމާއި ގުޅުމެއް ނެތްކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

 

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޑިވިޝަނަލް ކޮމާންޑްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނާ އަބްދުﷲ ފައިރޫޝް ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ކުރިން އަޑުތައް ފެތުރުނު ގޮތަށް ޝިމާ އިތުރު ތާކަށް ގެންގޮސް ނޭއްގާނީ އަމަލެއް ހިންގާފައިވާ ކަމަށް މިހާތަނަށް ތަހުގީގުން ނުދައްކާ ކަމަށެވެ.

 

މީގެއިތުރުން ފައިރޫޝް ވިދާޅުވީ ޑިންގީއެއްގައި ޝިމާ ގެންދިޔައީ ގަދަކަމުން ކަމަށް ނުބެލެވޭ ކަމަށާއި ފަޒީލަކީ ޝިމާގެ ވަރަށް ގާތް އަދި އޭނާގެ އާއިލާއާއި ވެސް ގާތް ރަހުމަތްތެރިއެއްކަން ހާމަވެފައިވާ ކަމަށެވެ. އަދި ފަޒީލާއެކު ޝިމާ ފުރަން ދިޔަ މަންޒަރު ވެސް ބައެއް ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށާއި، އޭނާ ޝިމާ ގަދަކަމުން ގެންދިޔަ ކަމަށް އެއްވެސް ފުޓޭޖްތަކުން ނުފެންނަ ކަމަށް ވެސް ވިދާޅުވިއެވެ.

 

"ނަމަވެސް ޝިމާ ގެއްލުނު ހާދިސާގައި ޝައްކު ކުރެވޭ ކަންތަައްތަކެއް ވެސް އެބަހުރި" ފައިރޫޝް ވިދާޅުވި އެވެ.

 

މިމައްސަލާގައި ފަޒީލް ފުލުހަށް ދީފައިވާ އިންޓަވިއުތަކުގެ ރެކޯޑިން ރާއްޖޭން ބޭރަށް ފޮނުވައި ޕްރޮފެސަރު ހަސަން އުގައިލްވެސް ހިމެނި ވަޑައިގަންނަވާ ގޮތަށް ހިއުމަން ބިހޭވިއަރަލް އެނަލިސިސް ހަދާއި ރިޕޯޓް ވެސް ހޯދާފައިވާ ކަމަށާއި ރާއްޖޭގައި ދޮގު ހެދުމުން އެކަން ދެނެގަނެވޭ ލައި ޑިޓެކްޓާ ހުރި ނަމަވެސް، ބޭނުން ނުކޮށް ހުންނަތާ ގިނަ ދުވަސްވެ ކެލިބަރޭޓް ނުވެގެން އެ ބޭނުން ނުކުރެވުނު ކަމަށް ވެސް ފައިރޫޝް ވިދާޅުވިއެވެ.

 

މީގެއިތުރުން ފުލުހުން މިއަދު ބުނީ ޝިމާ ހޯދަން ކުރާ މަސައްކަތް އަދި ހުއްޓާނުލާ ކަމަށާއި މިއަދުވެސް ގއ. އަތޮޅުގެ ފަޅު ރަށެއްގައި ޝިމާ އަންދާލާފައިވާ ކަމަށް ބަޔަކު މައުލޫމާތު ދީގެން އެ އަތޮޅުގެ ދެ ފަޅުރަށެއް ބަލާ ފާސްކުރި ކަމަށެވެ. އެގޮތަށް ބަލަމުން ދަނީ ޝިމާގެ ހަށިގަނޑާއި އޭނާ ދަތުރު ކުރި ގެންދިޔަ ދަބަހާއި އަދި ފަޒީލްގެ އަންނައުނު ފެނޭތޯ ކަމަށާއި މިހާތަނަށް ޝިމާ ހޯދުމަށް ކުރެވުނު މަސައްކަތުން އެއްވެސް ލީޑެއް ނުވަތަ އެ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.

 

ޝިމާ ނާފިޒުގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ފިލަން އުޅުނު މީހުންގެ މައްޗަށް ދައުވާ ކުރަން މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

މިއަދު އޮންލައިން