އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިންގ) އާއި ދެކޮޅަށް މަސައްކަތްކުރުމަށް މުއައްސަސާތަކުގެ މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ޓްރެއިނިންގ ޕްރޮގްރާމެއް އއ. ރަސްދޫގައި ފަށައިފިއެވެ.
ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓާއި އއ. ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ މިޕްރޮގްރާމްގައި، އިންސާނީ ވަގުފާރިއަކީ ކޮބައިކަމާއި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައިވާ މީހުން ދެނެގަންނާނެ ގޮތްތަކާއި އަދި އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ
މީގެއިތުރުން ކަމާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކާއި އެ ޤާނޫނުތަކުން އެފަދަ މީހުންނަށް ލިބިދޭ ހިމާޔަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ރާއްޖެއިން ބައިވެރިވެފައިވާ ކަމާ ގުޅުންހުރި މުއާހަދާތަކާއި ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތުދިނުމަށް ހަމަޖެހިފައިވެއެވެ.
މިއަދުންފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި އއ. އަތޮޅުގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނާއި ރަސްދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.