ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާ ސެޓިފިކެޓް ދީފި

ކިޔުމަށް ހޭދަވާނީ 2މ 4ސ
ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާ  ސެޓިފިކެޓް ދީފި

މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންގެންދާ ސެންޓަރުތަކުގެ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ” ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް” ގެ މި އަހަރުގެ ތިންވަނަ ބުރު ނިންމައި ބައިވެރިންނަށް ސެޓިފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ޓްރެފިކް  މެނޭޖްމަންޓް ޑިޕާރޓްމަންޓުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ ނިންމުމަށް އިސްކަންދަރުކޮށި މަލްޓި ޕަރޕަސް ހޯލްގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ބައިވެރިންނާ މުޚާތަބު ކުރައްވައި ޙުސައިން ސަމީރު ދެއްކެވި ވާހަކަފުޅުގައި، ޓެކްސީ ދަތުރުކުރާ ފަރާތްތަކުން ޤަވާއިދާއި ޚިލާފަށް މަގުމަތިން ދަތުރުތައް ނަގަންމުން ދާކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި މަގުމަތީގައި ޓެކްސީ ޑްރައިވަރުންގެ ޢަމަލުތައް ބަހައްޓަންވީ ގޮތްތަކާއި ގުޅޭގޮތުން ވާހަކަ ފުޅު ދައްކަވާ ފައިވެއެވެ.

މީގެ އިތުރުން ބާވެ ގިނަދުވަސްވެފައިވާ ޓެކްސީތައް، ޓެކްސީ ނިޒާމުގެ ތެރޭގައި ބޭނުންކުރަމުންދާކަމާއި މިކަން ހައްލުކުރުމަށް އަވަސް ފިޔަވަޅެއް އެޅުމަށް މަސައްކަތް ކުރާނެކަމަށް ވިދާޅުވެފައިވެއެވެ.

އެޕްރީލް 14ން 23 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި 125 ޑްރައިވަރުން ބައިވެރިވެ ސެޓިފިކެޓް ހާސިލްކޮށްފައިވާއިރު، މި ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްދެއްވީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު އާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހަސަން ޝަހީމްއެވެ.

ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެެވެ. މި ޕްރޮގްރާމްގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި މަގުމަތީގެ އަދަބުތަކާއި ގުޅޭގޮތުންނާއި ޓެކްސީ ނިޒާމް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވީ ޓްރެފިކް ޕޮލިސިންގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ފުލުހުންނެވެ

މިއަދު އޮންލައިން