ސްރީ ލަންކާއަށް މިމަހުގެ 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި، އެޤައުމުގެ ފުލުހުންގެ ހައްޔަރުގައި 6 ދިވެހީން ތިބި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އޭގެ ތެރެއިން އެކަކު ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެއިން އައިއެސް ޖަމާޢަތާއި ގުޅޭ ފޮތެއް ފެނުމުންނެވެ.
އެފޮތަކީ އެގޭގައި ކިޔަވަން ތިބޭ ކުދިންތަކެއްގެ ފޮތެއް ކަމަށާއި އެފޮތް ގަނެފައިވަނީވެސް ޝްރީ ލަންކާއިން ކަމަށް މައުލޫމާތު ލިބެއެވެ.
އެމީހާ މާދަމާ ކޯޓަށް ގެންގޮސް ދޫކޮށްލާނެކަމަށް ބެލެވެއެވެ. ޝްރީލަންކާގެ ސަލާމަތީ ބާރުތަކުން މިހާރު ކުރިއަށްގެންދަނީ ޒީރޯ ޓޮލަރެންސް އޮޕަރޭޝަނެއް ކަމަށްވުމުން، ކިރިޔާ ޝައްކެއްވާނަމަވެސް އެއްވެސް ސުވާލުކުރުމެއްނެތި ދަނީ މީހުން ހައްޔަރުކުރަމުންނެވެ.
ހައްޔަރުކުރި އަނެއް ހަތަރު ދިވެހިން ހައްޔަރުކޮށްފައިވަނީ އެއަރ ރައިފަލްތަކެއްގެ މައްސަލާގައި ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން، ނެގަންބޯގައި އެމީހުން ދިރިއުޅޭ ގެއިން ފެނުނު ބަޑިތައް ގަނެފައިވަނީ ޝްރީ ލަންކާއިންނެވެ. އަދި އެމީހުންނަށް އެ ބަޑިތައް ވިއްކާފައިވަނީ ފޭކް ލައިސެންސަކާއިއެކު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެމީހުން ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ.
އެންމެ ފަހުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސްރީ ލަންކާގެ ސަލާމަތީ ބާރުތަކުންވަނީ ދިވެހި ރާއްޖެއަށް ނިސްބަތްވާ 6ވަނަ މީހެއްވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް، އޭނާ ހައްޔަރުކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ.