މަގާމުން ވަކިވާ ފަނޑިޔާރުންނަށް އިނާޔަތް ލިބޭ ބިލް ކޮމިޓީން ފާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
މަގާމުން ވަކިވާ ފަނޑިޔާރުންނަށް އިނާޔަތް ލިބޭ ބިލް ކޮމިޓީން ފާސްކޮށްފި

މަގާމުން ވަކިވާ ފަނޑިޔާރުންނަށް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތްތަކެއް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލް، ކޮމިޓީން ފާސްކޮށްފި އެވެ. 

މި ބިލް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ރިޔާޒް ރަޝީދު އެވެ.

މިބިލް ދިރާސާކުރުމަށް މަޖިލީހުގެ ފަސް މެންބަރުން ހިމެނޭ ވަގުތީ ކޮމިޓީއަކާ ހަވާލުކުރުމަށް މަޖިލީހުގެ ތަޅުމުން ފާސްކުރީ މިމަހުގެ 24 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. 

ރިޔާޒުގެ މި ބިލްގައި ބުނެފައިވަނީ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށުމުގެ ކުރިން ތިއްބެވި އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރުން މަގާމުން ވަކިވާ ހިސާބުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތައް ލިބެން ވާނެ ކަމަށެވެ. އެހެންކަމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރުކަން ކުރެއްވި މުހައްމަދު ރަޝީދު އިބްރާހީމަށް ވެސް އިނާޔަތް ލިބޭނެއެވެ.

މިބިލް ކޮމިޓީން ފާސްކުރުމާ ގުޅިގެން އަންނަ ހޯމަ ދުވަހު ކޮމިޓީގެ ނިންމުން ފާސްކުރުމާ މެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ. 

މަގާމު ގެއްލޭ ފަނޑިޔާރުންނަށް އިނާޔަތް ދޭ ބިލެއް ހުށަހަޅާފައިވާއިރު ކުރީގެ މަޖިލިސް މެންބަރުންނަށް ވެސް އިނާޔަތް ލިބޭ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ. 

މިކާމާގުޅިގެން ރައްޔިތުންމަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ މަގާމުން ވަކިވާ ފަނޑިޔާރުންނަށާއި މަޖިލިސް މެންބަރުންނަށް އިނާޔަތް ދޭން ފަސް ކުރިޔަސް އަލަށް ފަށާ 19 ވަނަ މަޖިލީހުގައި އެ ބިލުތައް އަނބުރާ ރުޖޫއަ ކުރާނެ ކަމަށެވެ.

މިއަދު އޮންލައިން