ޝްރީލަންކާއަށް މިމަހުގެ 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަންގެ ކަންކަން ބެލުމަށާއި ފޮޓޯ ނެގުމަށް ލަންކާގެ މަގުތަކަށް ދިވެހިން ނުނިކުތުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީ އާއި ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އެދިފައިވަނީ ކާފިއުގެ ވަގުތުގައި ދިވެހިން އެއްގޮތަކަށް ވެސް ބޭރަށް ނުނިކުތުމަށާއި އެ ނޫން ވަގުތުތަކުގައި ވެސް ޒަރޫޒީ ބޭނުމެއް ނެތި މަގުތަކަށް ނުނިކުތުމަށެވެ. އަދި ވަކިން ހާއްސަކޮށް ބޭރުގައި އުޅޭ ވަގުތުތަކުގައި ފޮޓޯ ނުނެގުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ސްރީ ލަންކާއަށް މިމަހުގެ 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި، އެޤައުމުގެ ފުލުހުންގެ ހައްޔަރުގައި 6 ދިވެހީން ތިބި އިރު އޭގެތެރެއިން 2 މީހެއްގެ ބަންދަށް މިއަދު ވަނީ 13 ދުވަސް ޖަހާފައެވެ.