ލަންކާ އެއާޕޯޓުގައި މުސްލިމް އަންހެނުންގެ ބުރުގާ އެންމެންގެ ކުރިމަތީގައި ބާލުވައި އިސްލާމްދީނަށް ފުރައްސާރަކޮށް މުސްލިމުންގެ އަގު ވައްޓާލަމުންދާއިރު ދިވެހި ސަރުކާރަށް ކުރެވޭނެ އެވެސް ކަމެއް ހަމަ ނެތީބާވައެވެ!
މިއަދުނޫހަށް މައުލޫމާތު ދިން އަންހެނަކު ބުނީ އޭނާގެ ބުރުގާ ބޭލުވީ އެންމެނެގެ ކުރިމަތީގައި ކަމަށެވެ. "އެ ޤައުމަކުން ސެކިޔުރިޓީ ޗެކް ކުރާނެ މިންވަރެއް، ޗެކް ކުރާނެ ގޮތެއް އެނގޭނީ އެ ޤައުމަކަށް. އަޅުގަނޑު ވަރަށް ފަހުން އަރަބި ޤައުމަކަށް ކުރި ދަތުރެއްގައި ވެސް އެ ފްލައިޓުން ދަތުރު ކުރި އެހެން ޤައުމެއްގެ ބައެއްގެ ސަބަބުން މެދުވެރިވި ކަމެއްގައި އަޅުގަނޑުވެސް ޗެކްކުރި. ނަމަވެސް ޗެކް ކުރީ އެކަމަށް ޚާއްޞަ ކޮޓަރިއަކަށް ވައްދާފަ. އެތަނުގަ ސެކިޔުރިޓީ އޮފިސަރުންނަށްވެސް ތިބީ އަންހެނުން. ލަންކާގައި މިހާރު މިކުރާ ކަމަކީ ސީދާ އިސްލާމް ދީނަށް އަރައިގަތުން. މުސްލިމުންގެ ޙައްޤުތައް ޖަހައިގަތުން. މުސްލިމުންގެ ހައްޤު ދީގެން ވެސް ޗެކް ކުރެވޭނެ އެމީހުން ބޭނުމިއްޔާ!"
މީގެ ދެދުވަސްކުރިން މިފަދަ މައުލޫމާތެއް ދިން އިތުރު އަންހެނަކު ބުނީ އޭނާ އާއި 2 ދަރިންގެ ބުރުގާ އެންމެންގެ ކުރިމަތީގައި ބޭލުވީ މަލާމާތާއި ފުރައްސާރަވެސް ކުރަމުން ކަމަށެވެ. އެ އަޑުތައް އެތަނުގައި ތިބި އެހެން މީހުންނަށްވެސް އިވޭނެ ކަމަށެވެ.
މިފަދަ މައުލޫމާތުތައް ލިބެމުންދާއިރު ދިވެހި ސަރުކާރުގެ އެއްވެސް ގުނަވަނަކުން މިކަމަށް އެއްވެސް ބަހެއް ބުނިކަން އެނގިފައެއް ނުވެއެވެ.