އުމުރުން ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި، 71 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އެތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ، ކުޑަ އަންހެން ކުއްޖާގެ މަންމަގެ ލޯބިވެރިޔާއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި، އުމުރުން 71 އަހަރުގެ މީހަކު ހައްޔަރު ކުރި ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މިހާދިސާ ހިނގާފައިވަނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައެވެ. ޖިންސީ ގޯނާ ކުރި އަންހެންކުއްޖާ މިހާރު ހުރީ އޭނާގެ މަންމަގެ ބެލުމުގެ ދަށުން ގެންގޮސް އެހެން ބަޔަކާއި ހަވާލު ކޮށްފައެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.
ކުޑަ އަންހެން ކުއްޖާގެ މަންމަގެ ލޯބިވެރިޔާގެ އިތުރުން، އޭނާގެ 13 އަހަރާއި 16 އަހަރުގެ ބޭބެ ވެސް އެކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ. ތިން ކުޑަކުދިން ހިމެނޭ މައްސަލައަކަށްވުމުން، އެމައްސަލައާއި ގުޅޭގޮތުން ފުލުހުން ވެސް އަދި ޖެންޑަރ މިނިސްޓްރީ ވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ. ހަމައެކަނި އެނގިފައިވަނީ އެމިނިސްޓްރީ އާއި ގުޅިގެން ފުލުހުން އެމައްސަލަ ބަލަމުން ގެންދާ ކަމެވެ.