ދިވެހިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް މަސައްކަތްކުރާނެކަމަށް ލަންކާއިން ބުނެފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދިވެހިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް މަސައްކަތްކުރާނެކަމަށް ލަންކާއިން ބުނެފި!

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ސްރީލަންކާގެ ފޮރިން މިނިސްޓަރު ދެއްވާފައިވާކަމަށް  ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިކމާގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ލަންކާގެ ފޮރިން މިނިސްޓަރު ތިލަކް މަރަޕަނާއާ ފޯނުން ގުޅުއްވައި ލަންކާގެ މަސްރަހާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިނިސްޓަރުގެ ވާހަކަފުޅުގައި ސްރީލަންކާގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށާއި އަދި ސްރީލަންކާއަށް ދިމާވެފައިވާ މި ހާލަތުގައި އެ ގައުމުގައި ތިބި ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކާ ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

ލަންކާގެ ފޮރިން މިނިސްޓަރު ތިލަކް މަރަޕަނާގެ ވާހަކަފުޅުގައި ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި އެޕްރީލް މަހުގެ 21 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން، ހަމަ އެދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލު ފޮނުއްވިކަން ފާހަގަކުރައްވައި އެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެ ހަމަލާތަކަށްފަހު ސްރީލަންކާއަށް އެންމެ ފުރަތަމަ ވަޑައިގެންނެވި ބޭރު ގައުމެއްގެ އެންމެ އިސްވެރިޔަކީ ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ވެސް ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން