ނަފުސު އިޞްލާޙްކުރަން ބޭނުން މީހާއަށް ﷲ ތަޢާލާގެ މަދަދު ރަމަޟާން މަހު އެތައް ގުނައަކަށް އިތުރުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ނަފުސު އިޞްލާޙްކުރަން ބޭނުން މީހާއަށް ﷲ ތަޢާލާގެ މަދަދު ރަމަޟާން މަހު އެތައް ގުނައަކަށް އިތުރުވާނެ!

ބައެއް މީހުން ހީކުރަނީ އިޞްލާހްވުމަކީ ވަރަށް ބުރަ ކަމެއް ކަމަށެވެ. ކުރެވެމުން އަންނަ ނުބައި އަމަލެއް ކުރުން ހުއްޓައިލުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ހުއްޓާލައިފިނަމަ ތިމާއަށް ނަފްސާނީ މައްސަލަތަކެއްވެސް ކުރިމަތިވެދާނެ ކަމަށެވެ. ނަމަވެސް މިއީ އެއްވެސް ހަޤީޤަތަެއް ހުރި ވިސްނުމެއް ނޫންކަން އެންމެ ބޮޑަށް އެނގިގެންދަނީ ރަމަޟާން މަހުއެވެ. 

އެކަމުގެ އެންމެ ބޮޑު ހެއްކަކީ އީމާންކަން ތަންކޮޅެއް ބަލިކަށި މީހުން ރޯދަ ހިފަމުން ގެންދާ ގޮތެވެ. އެފަދަ މީހުންގެ ތެރެއިންވެސް ރޯދައަށް ރައްކައުތެރިވާ މީހުން އެގެންދަނީ ރޯދަ ހިފަމުންނެވެ. އެންމެ ފަސޭހަ މިސާލެއް ފެންނާނީ ދުންފަތުގެ އިސްތިޢުމާލުކުރުމުންނެވެ. ރޯދައަށް ހުރެ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލެއް ނުކުރާނެއެވެ. އެކަމުން އެނގޭ ކަމަކީ އެމީހަކު ހުއްތާލަން ބޭނުންވެއްޖެ ނަމަ ހުއްޓައިލެވޭނެ ކަމެވެ. 

މިކަމުގައިވެސް ކުރެވިފައިވާ ތަޖުރިބާއެއް ބުނެފާނަމެވެ. ބައްދަލުވި މީހެކެވެ. އޭނާ ބުނީ ދުވާލަކު 2 ފޮށި ސިގިރެޓް ބޭނުންކުރާ ކަމަށެވެ. ހުއްޓައިލަން މަސައްކަތްކުރި ނަމަވެސް ކާމިޔާބު ނުކުރެވޭ ކަމަށެވެ. ރޯދަ ވީއްލުމަށްފަހު ވެސް ފުރަތަމަ ބޭނުންވަނީ ސިގިރެޓެއް ކަމަށެވެ. 

އަހަރެން އޭނާގެ ކިބައިން އެދުނީ އެންމެ ކަމަކަށެވެ. އެއީ މިސްކިތުން ރޯދަވީއްލުމަށާއި ތަރާވީޙް ނަމާދުކޮށްގެން ނޫނީ ގެއަށް ނުދިއުމަށެވެ. އަދި ގެއަށް ދެވެންދެން ދުންފަތުގެ އިސްތިޢްމާލް އެއްގޮތަކަށްވެސް ނުކުރުމަށެވެ. ގެއަށް ދިއުމަށްފަހުވެސް ނުކޮށް ހުންނަން ގަދައަޅައި މަސައްކަތްކުރުމަށެވެ. 

އޭނާ ބުނީ ރޯދަ ވީއްލައިގެން ދުންފަތުގެ އިސްތިޢްމާލް ނުކޮށް ހުންނަން ކުރި މަސައްކަތުގެ ނަތީޖާއިން އޭނާއަށް އެނގުނީ އެކަން ނުކޮށް ހުރެވިދާނެކަން ކަމަށެވެ. ހިތްވަރުކުރުމުން އެންމެ ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި ހަމަ މުޅިން ހުއްޓައިލެވުނު ކަމަށެވެ. 

މީސްތަކުންނޭވެ! ރަމަޟާން މަހަކީ ނަފުސް އިޞްލާޙްކުރުމުގެ މައްސަރެވެ. ނަފްސް އިޞްލާޙްކުރަން އެދިގެން މަސައްކަތްކުރާ މީހަކަށް އެކަން ކާމިޔާބުކުރަން އެންމެ ފަސޭހަވާނީ ރަމަޟާން މަހުއެވެ. ހަމަ އެކަނި ދުންފަތުގެ އިސްތިއްމާލުކުރުން ފަދަ ކަންކަމެއް ނޫނެވެ. ކޮންމެ ކަމެއް ނަމަވެސް އިޞްލާޙްކުރެވޭނެއެވެ. ވީމާ ރަމަޟާން މަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ! ފުރުޞަތުގެ ބޭނުން ހިފައި އިޞްލާޙްކުރަންޖެހޭ ހުރިހާ ކަންކަން އިޞްލާޙްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން