މީރުކޮށް ކެއުމަކީ ރޯދައިގެ ސަވާބު އިތުރުވާ ކަމެއް ނޫން! ޞަދަޤާތް ދިނުން އިތުރުކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
މީރުކޮށް ކެއުމަކީ ރޯދައިގެ ސަވާބު އިތުރުވާ ކަމެއް ނޫން! ޞަދަޤާތް ދިނުން އިތުރުކުރޭ!

ކޮންމެ ރޭހެއް ވެސް ކާމިޔާބު ކުރެވެނީ ގަދައަޅައި މަސައްކަތްކުރަން ކެރުނު މީހަކަށެވެ. ރޭސް ކާމިޔާބުކުރަން ކުރި މަސައްކަތް، ބަލަން ތިބޭ މީހުންނަކަށް ނުފެންނާނެއެވެ. އެކަމުގެ އަގުވެސް ވަޒަނެއް ނުކުރާނެއެވެ. ފެންނާނީ ކާމިޔާބުކުރާ މީހުންނެވެ. ހުރިހާ ތަޢްރީފެއް ކުރާނީ ރޭސް ކާމިޔާބުކުރި މީހުންނަށެވެ. 

ރޯދަ މިއާއި ޚިލާފެވެ. ރޯދަ ކާމިޔާބުކުރަން މީހާ ކުރާ މަސައްކަތްތައް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެ މަސައްކަތްތަކުގައި ބަރަކާތް ލައްވަވަތެވެ. ރޯދަ ކާމިޔާބުކުރުމުން އެކަމަށް ޙައްޤު ދަރުމަ އާއި ނިޢްމަތްތައް ދެއްވަވަތެވެ. ރޯދަވެރިންނަށް ޚާއްޞަ ދޮރުކޮޅެއް ސުވަރުގޭގައިވެއެވެ. ރައްޔާން އެވެ. ކިޔުނު ދޮރުކޮޅެވެ. އެދޮރުކޮޅުން ވަނުމުގެ ނިޢްމަތް މިންވަރުކުރައްވަވަތެވެ. 

ރޯދަވެރިންނޭވެ! ތިއަބައިމީހުން ތިއަދަނީ މަސް ފެށުނީންސުރެ ރޯދަ ހިފަމުންނެވެ. ބާކީ ދެން އޮތީ އެންމެ 7 ރޯދައެވެ. ގަދައަޅައި ހިތްވަރުކުރާށެވެ! ކިތަންމެ ބުރަކޮށް އުޅޭ މީހާ ވެސް ޚާއްޞަ ޙާލަތެއް ކުރިމަތިވުމުން ހުރިހާ މަސައްކަތްތަކެއް ބެހެއްޓުމަށްފަހު އެކަމަކަށް ޚާއްޞަވަމުއެވެ. ވަގުތު ހުސްކުރަމުއެވެ. ރަމަޟާން މަހުން މިހާރު މިވަނީ އެ ހާލަތަށް އާދެވިފައެވެ. ވީހައި ގިނަ ވަގުތު ރޯދައަށް ހުސްކުރާށެވެ. 

އަތުގައި ހުރި މިންވަރުން ޞަދަޤާތްކުރާށެވެ! މީރުކޮށް ކެއުމަކީ ރޯދައިގެ ސަވާބު އިތުރުވާ ކަމެއް ނޫނެވެ. ޞަދަޤާތް ދިނުމަކީ ރޯދައިގެ ސަވާބު އިތުރުވާ ކަމެކެވެ. ވީމާ މީރުކޮށް ކެއުމަށް ޚަރަދުކުރުމަށްވުރެ ރޯދައަށް ހުރެ ޞަދަޤާތް ދިނުމަށް އިސްކަން ދޭށެވެ. މީރުކޮށް ކާނެ ދުވަސްތައް ބައިވަރެވެ. މިރޯދަމަހުން ދެން ލިބޭނީ އެންމެ 7 ދުވަހެވެ. ވީމާ ފުރުޞަތުގެ ބޭނުން ހިފާށެވެ. ކީރިތި ޤްރުއާން ކިޔެވުން އިތުރުކުރާށެވެ! ރޭއަޅުކަން ކުރުން ގިނަކުރާށެވެ! ދުވާލުގެ ވަގުތުތަކުގައި ގިނައިން ނިދައި ރޯދަ ޚަރާބު ނުކުރާށެވެ! 

ކޮންމެ މީހެއްގެ ވެސް ޢަޒުމަކީ ހިފާ ރޯދަތައް ކާމިޔާބުކޮށް ރޭސް ނިންމައި ރައްޔާން އެވެ ކިޔުނު ދޮރުކޮޅުން ވަނުން ކަމުގައި އަޒުމް ކަނޑައަޅައިގެން މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން