ދުނިޔެ ބަވަނަ ވުމުގެ ސަބަބުން ކޮންމެ ދުވަހަކީ މައުލޫމާތުގެ ފުނިވަރުތައް ކޮންމެ މީހަކަށްވެސް ލިބެމުންދާނެ ދުވަހެކެވެ. ލިބޭ މައުލޫމާތުތައް ދިރާސާކޮށް ރަނގަޅު މައުލޫމާތު ވަކިކުރާނެ ވަގުތު ނެތް މީހުން ލިބޭ މައުލޫމާތު ނުކިޔާށެވެ! ރަނގަޅު މައުލޫމާތު ވަކިކުރަން ނުއެނގޭ މީހުން ވަކިން ބޮޑަށް ބިރުވެތިވާންޖެހޭނެއެވެ.
ޚާއްޞަކޮށް ރަމަޟާން މަހުގެ ރޯދައާއި ނަމާދުކުރުމާއި އެނޫންވެސް އެފަދަ އަޅުކަމާއި ގުޅުން ހުންނަ ކަންކަމުގައި ތިމާ އަމަލުކުރަމުން އަންނަ ގޮތް ބަދަލުކުރަންވާނީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހުގައެވެ. ދީނީ ޢިލްމުވެރިންގެ ލަފާ ހޯދައިގެންނެވެ.
އެންމެ ބޮޑު މައްސަލައަކީ ދީނުގެ މައުލޫމާތު ރަނގަޅަށް ނުއެނގޭ މީހުން ބޮޑެތި ނަންނަމުގައި ވެބްސައިޓުތައް ހަދައިގެން މައުލޫމާތު ޢާންމުކޮށް ހާމަކުރަމުން ގެންދާ ކަމެވެ. ރަނގަޅު ނިޔަތެއްގައި ނަމަވެސް އެ ކުރެވެނީ އެއްގޮތަކަށްވެސް ކުރަން ރަނގަޅުކަމެއް ނޫނެވެ. ހަމަ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.
މުސްލިމުންގެ ތެރެއިން ބައެއް މީހުންނަށް ނުއެނގިތިބެ މިފަދަ ކަންކަން ކުރެވޭއިރު އިސްލާމް ދީނުގެ އަދާވާތްތެރިން ގެންދަނީ ޤަޞްދުގައި މިފަދަ ކަންކަން ކުރަމުންނެވެ. މުސްލިމުންގެ ނަންނަމުގައިވެސް ލިޔުންތައް ފޮނުވަމުންނެވެ. މުސްލިމުންގެ ހިތްތަކުގައި ޝައްކުތައް އުފައްދުވަން މަސައްކަތްކުރަމުންނެވެ.
މިކަންކަމަށް ސަމާލުކަން ނުދީފި ނަމަ ﷲ ތައާލާ އާއި ކުއްތަންވުމަށް ތިބާ ކުރާ މަސައްކަތުގެ ތެރެއިން ﷲ ތައާލާ އާއި ދުރުވެވިދާނެއެވެ. ރަޙްމަތް ލެއްވެވުން އެދިކަމަށް ހީކޮށް ކުރެވޭ ކަންކަމުން މަގުފުރެދި ނަރަކައާއި ކައިރިވެވިދާނެއެވެ. އަދި ނަރަކައަށް ވެއްޓުމުގެ ފުރުޞަތުވެސް އެބައޮތެވެ.
ލިބޭ މައުލޫމާތުގެ ބޭނުން ކުރަންވާނީ މައުލޫމާތުގެ ޞައްހަކަން ކަށަވަރުކުރުމަށްފަހުގައެވެ. ޚާއްޞަކޮށް ތިމާ އަމަލުކުރަމުން އަންނަ ގޮތް ނޫން އެހެން ގޮތަކަށް ކަންކަން ބަދަލުކުރާނަމަ ވަރަށް ބޮޑަށް ވިސްނަންޖެހޭނެއެވެ. ގެނެވޭ ބަދަލަކީ ހެޔޮ ބަދަލެއްކަން ޔަޤީންކުރުމަށްފަހުގައި ނޫނީ އެއްވެސް ބަދަލެއް ނުގެންނާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން