އެއްވެސް މީހަކު ކުރަމުން އަންނަ އެއްވެސް ހެޔޮ އަމަލެއް ކުރުން ހުއްޓައިނުލާށެވެ. ބަލަން ޖެހޭނީ އިތުރުކުރެވޭތޯއެވެ. އެގޮތަށް އެކަން ނުކުރާ ކޮންމެ މީހަކީވެސް އާޚީރަތް ދުވަހު ހިތާމަކުރަން ޖެހިދާނެ މީހެކެވެ.
ދުނިޔޭގައި ހުންނަން ލިބޭ މުއްދަތުގައި އެންމެ ގިނައިން އަޅުކަންކުރާ މީހުންވެސް އާޚީރަތް ދުވަހު އެންމެ ބޮޑަށް ކަންބޮޑުވާނީ އަޅުކަން ކުރެވުނު މިންވަރު މަދުކަމުންނެވެ. އެކަމުގައި ދެ ސަބަބެއްވެއެވެ. އެއީ އެމީހަކަށް ކުރެވޭ ފާފައިގެ ސަބަބުން އެމީހަކަށް ކުރެވިފައިވާ ހެޔޮ އަމަލުތަކުން އުނިވާނެ މިންވަރު ނުއެނގޭނެތީއެވެ. ދެވަނަ ސަބަބަކީ ކުރި އަޅުކަން ﷲ ތައާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ކުރެވިފައިވާކަން ނުއެނގޭނެތީއެވެ. ހަމަ އެއާއިއެކު މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެވިފައިވުމުން ބަދަލުދޭން ޖެހޭނެ މިންވަރުވެސް ނުއެނގޭނެތީއެވެ.
މިކަންކަމުގެ އިތުރުން ވެސް ކުރެވުނު ހެޔޮ އަމަލު މަދުވެގެން ކަންބޮޑުވާން ޖެހޭނެ ސަބަބެއް އެބައޮތެވެ. އެއީ ސުވަރުގޭގައި 100 ދަރަޖަ ހުންނައިރު އެމީހެއްގެ ދަރަޖަ ކަނޑައެޅިގެންދާނީ އެމީހަކަށް ކުރެވިފައިވާ ހެޔޮ އަމަލުތަކުން ކަމުގައިވާތީއެވެ. މާނައަކީ އެމީހެއްގެ ދަރަޖަ އުފުލިގެންދާނީ އެމީހަކު ކޮށްފައިވާ ހެޔޮ އަމަލުތަކުގެ މައްޗަށް ކަމެވެ.
ނަމަވެސް މިވިސްނުމުން ވިސްނަނީ މަދު ބައެކެވެ. ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ މިވެނި އެވެނި ހެޔޮ އަމަލުތަކެއް ކުރެވުމުން ހުރިހާ ކަމެއް ފުރިހަމަކުރެވުނީ ކަމަށެވެ.
އަޅުކަން ކުރުމުގައި އަވަދިނެތި އުޅޭ މީހުންވެސް ބައެއް ފަހަރު މާޔޫސްވެ އަޅުކަން ކުރުމާއި ދުރުހެލިވެއެވެ. އެއީ އެމީހުން ﷲ ތަޢާލާއަށް ދުޢާ ކުރާ ބައެއް ކަންކަން އެމީހާ އެދޭ ގޮތަށް ނުވުމުންނެވެ.
މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. ﷲ ތައާލާ ދެއްވަވާނެ ނިޢްމަތްތަކާއިމެދު މާޔޫސްވުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑުކުށެވެ. އެހެނީ މުސްލިމަކު އިޚްލާޞްތެރިކަމާއިއެކު ކުރާ އެއްވެސް ދުޢާއެއް ﷲ ތައާލާ އިޖާބަ ނުކުރައްވަވައި ދޫކޮށެއް ނުލައްވަވާނެއެވެ. އެކަން ހިތުގެ އަޑިން ޤަބޫލުކޮށް ޔަޤީން ކުރުމަކީ އީމާންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން