އެއް ދުވަހަކު މަސްޖިދުއްނަބަވީގެ އެންމެ ފަހަތުގައި އިންނަވައި ޞަޙާބީންގެ ތެރެއިން އިބްން އުންމި ޢަބްދު ކީރިތި ޤްރްއާން ކިޔަވައިވިދާޅުވިއެވެ. ރިވެތިކޮށް ކީރިތި ޤްރުއާން ކިޔަވާ އަޑު އެއްސެވުމަށް ރަސޫލް (ޞޢވ) އަބަދުވެސް ލީބިފުޅު ކުރެއްވެވިއެވެ. އެހެންކަމުން އިބްން އުންމި ޢަބްދު އަށް އެނގިވަޑައިނުގަންނަވާނެ ގޮތަށް ފާރުގެ އަނެއް ފަރާތުގައި ހުންނަވައިގެން ރަސޫލް (ޞޢވ) އޭނާ ކިޔަވާ ވިދާޅުވާ އަޑުފުޅު އައްސަވަމުން ގެންދެވިއެވެ. އިބްން އުންމި ޢަބްދު އަށް އެކަން އެނގިވަޑައިނުގަންނަވާނެ ގޮތަށެވެ. އިތުރު އެކަލޭގެފާނު (ޞޢވ)ގެ އަރިއަހުގައި އަބޫބަކުރުގެފާނާއި ޢުމަރުގެފާނުވެސް ތިއްބެވިއެވެ.
އެތަނުގައި ހުންނަވައިގެން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "ކީރިތި ޤްރްއާން ބާވައިލެއްވެވުނު ރިވެތި ގޮތުގައި އަޑުއަހަން ބޭނުން ނަމަ އިބްން އުންމި ޢަބްދުގެ ކިޔެވުން އަޑުއަހާށެވެ."
ކިޔަވައިވިދާޅުވެ ނިމިވަޑައިގަތުމުން އިބްން އުންމި ޢަބްދު ﷲ ތަޢާލާއަށް މުނާޖާ ދަންނަވައި ދުޢާ ކުރައްވަން ފެށްޓެވުމުން ރަސޫލް (ޞޢވ) އިބްން އުންމި ޢަބްދު އަށް ޙަދީޘްފުޅު ކުރެއްވެވިއެވެ. "ތިބާގެ އަޑު އެބަ އެއްސެވެއެވެ. ދަންނަވާށެވެ! ތިބާ ބޭނުންވާ ކަމަކުން އެދި އަވަހަށް ދަންނަވާށެވެ. މިވަގުތަކީ ތިބާގެ އަޑު ﷲ ތަޢާލާ އައްސަވައި ވޮޑިގެންވާ ވަގުތެވެ."
މިޙަދީޘްފުޅުން އެނގިގެންދަނީ ރިވެތި ގޮތުގައި ކީރިތި ޤްރްއާން ކިޔަވައި ނިންމާ ވަގުތު އެމީހާ ކުރާ ދުޢާ ﷲ ތަޢާލާ އައްސަވައި ވޮޑިގެންވާނެ ކަމެވެ. އަދި ޢިޖާބަވެސް ކޮށް ދެއްވަވާނެކަމެވެ.
ކލަން މިހެން އޮތް ނަމަވެސް ރިވެތިކޮށް ކީރިތި ޤްރްއާން ކިޔަވަން މަސައްކަތްކުރަނީ މަދު މީހެކެވެ. ނަމަވެސް އެއީ ވަރަށް މުހިންމު ކަމެކެވެ. އެހެނީ "ތިއަބައިމީހުންގެ ރީތި އަޑުތަކުން ކީރިތި ގްރްއާން ކިޔެވުން ރީތި ކުރުމަށް" ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. ވީމާ އެމީހަކަށް ދެއްވެވި ރިވެތޔި އަޑުން ކީރިތި ޤްރުއާން ރިވެތިކޮށް ކިޔަވަން ކޮންމެ މީހަކުވެސް މަސައްކަތްކުރަން ޖެހޭނެއެވެ.
ބައެއް މީހުންނަށް ރާގު ހިފޭނެއެވެ. އަނެއް ބައިމީހުންނަކަށް ނުހިފޭނެއެވެ. މުހިންމީ އެމީހަކަސް އެންމެ ރިވެތިކޮށް ކިޔެވޭ ގޮތަކަށް ކިޔަވަން ގަދައަޅައި މަސައްކަތްކުރުމެވެ. ބާކީބައި ﷲ ތަޢާލާ ދެނެވޮޑިގެންވާނެތެވެ. ޙަދީޘްފުޅުގައި އޮތީ ނުފަރިތަ ކަމާއިއެކުގައިވެސް ރިވެތިކޮށް ކިޔަވަން މަސައްކަތް ކުރާނަމަ އެމީހަކަށް 2 އަޖުރު ދެއްވަވާނެ ކަމަށެވެ. އެއް އަޖުރު ދެއްވަވަނީ އޭނާ ކިޔަވާ ކިޔެވުމަށެވެ. ދެވަނަ އަޖުރު ދެއްވަނީ އޭނާކުރާ މަސައްކަތަށެވެ.
ވީމާ ކޮންމެ މީހަކުވެސް ވީހައި ގިނައިން ކީރިތި ޤްރްއާން ކިޔެވުމަށާއި ވީއެންމެ ރިވެތިކޮށް ކިޔަވަން ގަދައަޅައި މަސައްކަތްކުރުމަށް އަޅުގަނޑު ވަޞިއްޔަތްކޮށް އިލްތިމާސްކުރަމެވެ.
- ޝައިޚް ޢަލީ ޒައިދު މިއަދު ފުރްޤާން މިސްކިތުގައި ދެއްވި ދަރުސުން