ޛިކްރް ކުރުމުގެ މާނައަށް ބެލި ނަމަވެސް ޛިކްރްކުރުމަކީ ކަމެއް ހަނދާން ކުރުމެވެ. ކާބޯތަކެތީގެމަތިން ހަނދާންކުރާނަމަވެސް އަދި އަނބިދަރިންގެ މަތިން ހަނދާން ކުރާނަމަވެސް އެއީ ޛިކްރު ކުރުމެވެ. ވީމާ ﷲ ތައާލާއަށް ޛިކްރް ކުރުމަކީ ހަމައެކަނި ދުލުން ކިޔާ އެއްޗަކަށް ހަދައި ފަހު ދިހަ ބޭކާރުކޮށްނުލާށެވެ!
ދުލުން ކިޔާ އެއްޗެއް ހިތްމައްޗަށް ގެންނަންވާނެއެވެ. ވީމާ މާނަ ނުއެނގޭ ބޮޑެތި އެއްޗެތިތައް ކިޔައި ކަންކަން ކުރަން އުޅުމުގެ ބަދަލުގައި އެމީހަކަށް އެންމެ ފަސޭހައިން ހިތްމައްޗަށް ގެނެވޭ ކަލިމަތައް ކިޔަން މަސައްކަތްކުރާށެވެ. އެއީ ޛިކްރް ތަސްބީހައިގައި ޢާންމުކޮށް ކިޔާ ކަލިމަތައް ކަމުގައިވީނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އެންމެ މުހިންމު ކަމަކީ ހިތްމައްޗަށް ﷲ ތަޢާލާ ގެނައުމެވެ.
ދުޢާ ކުރާއިރުވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭށެވެ! ކިތަންމެ ކުރު ދުޢާއެއް ކުރިނަމަވެސް އެއީ މައްސަލައެއް ނޫނެވެ. އެންމެ މުހިންމީ އެމީހަކު ކުރާ ދުޢާއެއްގައި މިކިޔެނީ ކޮން އެއްޗެއްކަން އެމީހަކަށް އެނގުމެވެ.
ޢަރަބި ބަހުން ހުންނަ ދުޢާތައް ނުއެނގޭނަމަ އެމީހަކު ވާހަކަ ދައްކައިއުޅޭ ބަހަކުން ދުޢާކުރާށެވެ! ހުރިހާ ބަސްތަކެއް ﷲ ތައާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އިޝާރާތުން ދަންނަވާ ދެންނެވުންތައްވެސް ދެނެވޮޑިގެންވެއެވެ. ހިތަށް އަރުވާ ކަންކަންވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ވީމާ ﷲ ތަޢާލާއަށް ކަންކަމުގައި އެދި ދަންނަވަން ވަކި ބަހެއް ނެތެވެ. އޮތީ ގިނަގިނައިން ﷲ ތަޢާލާ ހަނދާންކުރުމެވެ.
މިއަހަރުގެ ރަމަޟާންމަހުން ބާކީ އޮތް މަދު ދުވަސްކޮޅު ވީހައި ފައިދާހުރި ގޮތުގައި ބޭނުން ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން