ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.
މަޖިލިސް ގަވައިދު އިސްލާހުކުރަން އެކުލަވާލި ކޮމިޓީގެ މުގައްރިރު އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފް) ވިދާޅުވީ މަޖިލިސް ގަވައިދަށް އާންމު ރައްޔިތުންގެ ހިޔާލު ހުށަހެޅުމަށް އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މީގެއިތުރުން ޖަމިއްޔާ ޖަމާއަތްތަކަށާއި، ސިޔާސީ ޕާޓީތަކަށް ވެސް ހިޔާލު ހުށެހެޅޭނެ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
ގަވައިދު އިސްލާހުކޮށް ނިމެންދެން މަޖިލީހުން އަމަލުކުރާނެ އުސޫލުތައް ދުވަހުން ދުވަހަށް ތަޅުމަށް ހުށަހެޅުމަކީ ވެސް މިކޮމިޓީގެ ޒިންމާއެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.
މިއަދު ގަވައިދު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މައްސަލަތަކާއި ބިލުތަކުގައި ބަހުސްތަކުގެ ވަގުތު ހަތަރު ގަޑި އިރަށް ދިގު ކުރުމަށް ވެސް މަޖިލިސް ގަވައިދަށް އިސްލާހު ގެނެއުމަށް ވަނީ ފާސްކޮށްފައެވެ.