އަޙްމަދު އަކީ ކުޑައިރުންސުރެ ވަރަށް ތަޤްވާވެރި ހެޔޮލަފާ ކުއްޖެކެވެ. މައިންބަފައިންގެ ބަސް އަހާ ކުއްޖެކެވެ. އަބަދުވެސް ނަމާދުކުރާ ކުއްޖެކެވެ. ހަމައެއާއިއެކު އަބަދުވެސް އޭނާގެ އަޚުންނާއި އުޚުތުންނަށްޓަކައި ހެޔޮ ދުޢާކުރަމުން އައި ކުއްޖެކެވެ. އޭނާއަށް ބޭނުންވެގެން ކަންކަމަށް އެދި ﷲ ތަޢާލާއަށް ދަންނަވާ ވަރަށްވުރެ ގިނައިން އޭނާގެ އަޚުތުންނަށްޓަކައި ހެޔޮ ދުޢާކުރަމުން އައި ކުއްޖެކެވެ.
އަޙްމަދު އެންމެ ގިނައިން ދުޢާކުރީ އޭނާގެ އަޚުންނާއި އުޚުތުންނަކީ ޢިލްމުވެރިން ކަމުގައި ލައްވަވައި ދެއްވަވާތޯ އާއި އެކުދިންނަކީ ފައިސާވެރި ތަނަވަސްކުދިން ކަމުގައި ލައްވަވައިދެއްވެވުން އެދިއެވެ.
ކަންދިމާވިގޮތުން ބޮޑުވެގެން އަޙްމަދުވީ ވަރަށް ބޮޑު ޢިލްމުވެރއަކަށެވެ. އަދި އަތްމަތި ތަނަވަސް ފައިސާ ވެރިއަކަށެވެ. އެހެން އެކަން ދިމާވީ ކީއްވެގެންކަން އަޙްމަދަކަށް ނުއެނގެއެވެ. އޭނާއަށް އެ ނިޢްމަތްތައް ދެއްވެވީ ވަކި ޚާއްޞަކަމެއް ކުރެވިގެން ކަމެއް އޭނާއަކަށް ނުއެނގެއެވެ.
އެއްދުވަހަކު އަޙްމަދު އާއި ބައްދަލުވި ދީނީ ޢިލްމުވެރިއަކާއި ދެކެވުނު ވާހަކައެއްގައި އަޙްމަދު ކުޑައިރުންސުރެ އޭނާގެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކުރާ ކަމުގައި ދެންނެވިއެވެ. އަޙަމަދު ދެންނެވިއެވެ. "އަޅުގަނޑު އެންމެ ކުޑައިރުންސުރެ އަޅުގަނޑުގެ އަޚުންނާއި އުޚުތުންނަށް ޢިލްމާއި ތަނަވސްކަން ދެއްވެވުން އެދި ދުޢާކުރަމެވެ. ނަމަވެސް އަދިވެސް ބައެއް އަޚުންނަކީ ތަނަވަސް ބައެއް ނޫނެވެ. ނަމަވެސް ހުރިހާ އަޚުންނާއި އުޚުތުންނަކީވެސް ޢިލްމުވެރިންނެވެ. މިކަމުގެ ޙިކުމަތަކީ ކޮބައިތޯއެވެ؟"
ޢިލްމުވެރިޔާ ވިދާޅުވިއެވެ.
"ފުރަތަމަ ކަމަކީ އެއްވެސް މީހަކު އެދޭ ހުރިހާ ކަމެއް މިދުނިޔޭގައި ފުރިހަމަ ނުވެދާނެއެވެ. ނަމަވެސް ދުޢާކުރުންމަތީގައި ހުރިނަމަ އެކަމުގެ ފައިދާ ޤިޔާމަތް ދުވަހުގައި ކުރާނެއެވެ. ވީމާ އެއްވެސް މީހަކު މާޔޫސްވެ ދުޢާކުރުން ހުއްޓާލައިގެނެއް ނުވާނެއެވެ.
ހަމަ އެއާއިއެކު މިކުރެވެނީ ކިހައިވަރެއްގެކަމެއްކަން ނުއެނގިހުރެ އަޙްމަދަށް ކުރެވެމުން ތިއަ އައީ ވަރަށް ފައިދާހުރި ކަމެކެވެ. އެމީހަކަށް ނުއަންގައި އެމީހަކަށް ސިއްރުން މީހަކަށް ހެޔޮ ދުޢާކުރާނަމަ އެމީހަކު އެ ދުޢާކުރި ކަމެއް އެމީހަކަށް ހިންމަވައި ދެއްވެވުން އެދި މަލާއިކަތުން ދުޢާކުރައްވަވާނެތެވެ. އެއީ ޞަޙީހް ޙަދީޘްފުޅުން ސާބިތުވާ ކަމެކެވެ.
ވީމާ އަހްމަދަށް ﷲ ތަޢާލާ ދެއްވަވާފައިވާ ޢިލްމާއި ތަނަވަސްކަން ދެއްވެވި ސަބަބަކީ އަހްމްދުގެ އަޚުންނާއި އުޚުތުންނަށްޓަކައި އަޙްމަދު ކުރި ދުޢާތަކަށް މަލާއިކަތުން އާމީން ވިދާޅުވެ ހަމަ އެ ކަންކަން އަޙްމަދަށް ދެއްވެވުން އެދި ކުރެއްވެވި ދުޢާ ކަމަށްވުމަކީ ވަރަށް ގާތް ކަމެކެވެ."
ކުދިންގެ ސަމާލުކަމަށް:
ތިއަކުދިންނަކީ ވެސް އަޙްމަދު ފަދައިން ތިއަކުދިންގެ އަޚުންނާއި އުޚުތުންނަށްޓަކައި އަދި އެކުވެރިންނަށްޓަކައިވެސް ހެޔޮ ދުޢާކުރާ ކުދިން ކަމުގައިވާށެވެ. އަގުބޮޑު "ގިފްޓެއް" ނުދެވިގެން ކަންބޮޑުނުވާށެވެ. ހެޔޮ ދުޢާއަށްވުރެ އަގު ބޮޑު، ފައިދާހުރި "ގިފްޓެއް" ނެތެވެ.
“The supplication (duáa) of a Muslim for his brother in his absence will certainly be answered. Every time he makes a supplication for good for his brother, the angel appointed for this particular task says: ‘Ameen*! May it be for you too’.” [Prophet Muhammad (SAW) ]