މާޒީއާމެދު ލަދު ގަންނަ ނަމަ މިސްކިތަށް އެރުން ގިނަކުރާށެވެ! ލަދުން މިސްކިތަށް ނޭރުމަކީ އެންމެ ނުބައި ގޮތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
މާޒީއާމެދު ލަދު ގަންނަ ނަމަ މިސްކިތަށް އެރުން ގިނަކުރާށެވެ! ލަދުން މިސްކިތަށް ނޭރުމަކީ އެންމެ ނުބައި ގޮތެވެ!

ބައެއް މީހުންނަށް ކުރީގައި ކުރެވިފައި ހުންނަ ކަންކަމަށް ލަދުވެތިވެ މިސްކިތުގެ ޖަމާއަތުގައި ބައިވެރިވުމަސް އެބަ ލަދު ގަނެއެވެ. ލަދުން މިސްކިތަށް ނާރަން އެބަ ތިބެއެވެ. މިއީ އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. މާޒީގައި ގޯސްކޮށް ކަމެއް ކުރެވިފައިވާނަމަ ކުރަން އޮތް ކަމަކީ މިސްކިތަށް ނުއެރުމެއް ނޫނެވެ. ކުރަންވީ ކަމަކީ މިސްކިތަށް އެރުން ގިނަކުރުމެވެ. 

ކުށުގެ ރެކޯޑް ބެލެހެއްޓުމަކީ އިންސާނުން ކުރާ ކަމެކެވެ! ކުށެއް ނުވަތަ ފާފައެއް ކުރެވިފައިވާނަމަ ތައުބާވުމުން ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ކުށުގެ ރެކޯޑް ފިލައިގެން ނުވަތަ ފޮހެވިގެން އެދިއައީއެވެ. ވީއިރު އެމީހަކު ވީހައި ގިނައިން މިސްކިތަށް އަރަންވީ ނޫންހެއްޔެވެ؟ މިސްކިތަށް ގިނަގިނައިން އަރައި ވަގުތު ހޭދަކުރުމަކީ މީހާ އިތުރަށް ޠޯހިރުވެގެންދާ ކަމެކެވެ. 

ކޮންމެ މީހެއްގެވެސް މާޒީއަކީ ހަމަ މާޒީއެވެ. މާޒީގައި ރަނގަޅު ނޫން ކަންތައްތަކެއް ކުރެވިފައިވުމަކީ ލަދުން ފިލަން ޖެހޭ ކަމެއް ނޫނެވެ. ގޯސްކޮށް ކަންތައްތަކެއް ކުރެވިފައިވާ ނަމަ އޮތީ އެކަމުން ޢިބްރަތް ޙާޞިލުކުރުމެވެ. ޢިބްރަތް ހާޞިލުކުރުމަކީ އަވަހަށް ތައުބާވެ އެފަދަ އިތުރު އަމަލެއް ނުކުރުމެވެ.

މީހަކު ތައުބާވެ ގިނަގިނައިން މިސްކިތަށް އަރަން ފެށުމަކީ މީސްތަކުންގެ ހިތްތައްވެސް އެމީހަކަށް ސާފުވެގެންދާނެ ކަމެކެވެ. އެމީހަކާއިމެދު އިތުބާރު އިތުރުވާނެ ކަމެކެވެ. ވީމާ މީހަކު މަލާމާތުގެ ބަހެއް ބުނެފާނެ ކަމަށް މިސްކިތާއި ދުރުގައި ނުހުންނާށެވެ! ވީހައި ބޮޑަށް މިސްކިތާއި ކައިރިވާށެވެ! 

ހޯދަން ބޭނުންވެގެން މިއުޅެނީ ﷲ ތަޢާލާގެ ރުއްސެވުން ނޫން ހެއްޔެވެ؟ ބައެއްގެ ރުހުމެއް ނޫނެއް ނޫން ހެއްޔެވެ؟ ގިނަގިނައިން ތައުބާވުމަކީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުކުރައްވަވާ ކަމެކެވެ. ވީއިރު ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް އިސްލާމް ދީނަކު ނެތެވެ! ﷲ ތަޢާލާ އީ އެންމެ ދީލަތިވަންތަ ރަސްކަލާނގެކަން ޔަޤީން ކުރުމުން ހުރިހާ ހާސްކަމަކާއި ނުތަނަވަސްކަމެއް ފިލައިގެންދާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން