ރައްޔިތުން ކުރާ ތުހުމަތުތަކަށް ޤައުމުގެ އެންމެ އިސްވެރިން ވެސް ޖެހޭނީ ޖަވާބުދާރީވާން: ޑރ. ޢަޙްމަދުﷲ ޖަމީލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ރައްޔިތުން ކުރާ ތުހުމަތުތަކަށް ޤައުމުގެ އެންމެ އިސްވެރިން ވެސް ޖެހޭނީ ޖަވާބުދާރީވާން: ޑރ. ޢަޙްމަދުﷲ ޖަމީލް

ކޮރަޕްޝަނާއި އަދި އެނޫންވެސް ކަންކަމުގައި ރައްޔިތުން ކުރާ ތުހުމަތުތަކަށް ޤައުމުގެ އެންމެ އިސްވެރިންނަށްވެސް ޖެހޭނީ ޖަވާބުދާރީވާން ކަމަށް ޑރ. އަޙްމަދުﷲ ޖަމީލް ވިދާޅުވެއްޖެއެވެ. 

އިސްލާމިކް މިނިސްޓްރީން މިރޭ ބޭއްވި އިޙްޔާ ފޯރަމްގައި ޑރ. އަޙްމަދުﷲ މިކަމުގެ ތަފްޞީލު ދެއްވަމުން ދަލީލަކަށް ދެއްކެވީ ޢުމަރުގެފާނު، އިސްލާމީ އުންމަތުގެ ޚަލީފާއަކަށް ހުންނަވައި މެންބަރުކޮޅަށް އަރާވަޑައިގެން ޚުޠުބާ ދެއްވަން ފެށްޓުވުމުން މީހަކު ކުރި ތުހުމަތަކަށް ޖަވާބުދާރީވެވަޑައިގެންނެވިވާހަކައެވެ. އެއީ ދައުލަތުން ކޮންމެ މީހަކަށް ދިން ފޮތިގަނޑުން ޢުމަރުގެފާނަށް ހެދުންކޮޅު ނުކެނޑުއްވޭނެއިރު ދެވަނަ ފޮތިގަނޑު ހޯއްދެވި ގޮތަކާއިމެދު ޞަހާބީއަކު ކުރެއްވެވި ސުވާލަށެވެ. (ދެވަނަ ފޮތިގަނޑެއް ޢުމަރުގެފާނަށް ލިބިވަޑައިގަތީ ދަރިކަލުން ޢަބްދުﷲގެފާނު ދެއްވެވުމުންނެވެ. 

ޑރ. އަހްމަދުﷲ ޖަމީލް ވިދާޅުވީ ޢުމަރުގެފާނު ދައްކަވާ ވާހަކަފުޅު އަޑުއެހުމަށާއި ކިޔަމަންވުމަށް ވިދާޅުވުމުން އެ ސުވާލުގެ ޖަވާބު ނުދެއްވަވަނީސް އަޑު ނުއަހާނެ ކަމަށާއި ކިޔަމަންވެސް ނުވާނެ ކަމަށް ޞަޙާބީއަކު ދެންނެވި ކަމަށެވެ. "އެއީ އިސްލާމީ އުންމަތުގެ ޚަލީފާ. އެންމެ އިސް ވެރިޔާ ޢުމަރުގެފާނު. އެއީ އެކަލޭގެފާނު މަގަކުން ހިންގަވާ ވަޑައިގަންނަވާތަން ފެނުމުން އިބިލީސް ވެސް ބިރުން އެ މަގު ދޫކޮށްލައި އެހެން މަގަކުން ދާ ބޭކަލެއް. ނަމަވެސް ޞަޙާބީ ބޭނުންފުޅުވީ 2 ފޮތިގަނޑު ޢުމަރުގެފާނަސް ލިބިވަޑައިގެންނެވި ގޮތް ހޯއްދަވަން." 

ޑރ. އަހްމަދުﷲ ޖަމީލް ވިދާޅުވީ ޞަހާބީ އެގޮތަށް ވިދާޅުވުމުން އެކަންވީ ގޮތް ބަޔާންކޮށްދެއްވަވަން ދަރިކަލުން ޢަބްދުﷲގެފާނަށް ވިދާޅުވި ކަމަށެވެ. "ދަރިކަލުން ޢަބްދުﷲގެފާނު ތެދުވެވަޑައިގެން ވިދާޅުވީ ބައްޕާފުޅަކީ އިސްކޮޅުން ދިގު ބޭކަލަކަސްވެ އެއް ފޮތިގަނޑުން ލިބާސްކޮޅު ނުކެނޑުމުން ތިމަންކަލޭގެފާނުގެ ފޮތިގަނޑު ބައްޕާފުޅަސް ދެއްވީ ކަމަށެވެ."

މިކަމުން މިއެނގެނީ ރައްޔިތަކު ހިތްހަމަ ނުޖެހޭނަމަ ވެރިމީހާ އާއި ސުވާލުކުރުމުގެ ފުރުޞަތު އެބައޮތްކަމެވެ. އަދި ފަސާދައިގެ ތުހުމަތެއް ކުރެވިއްޖެ ނަމަ ބަރީޢަވުމަށްޓަކައި ޖަވާބުދާރީވާން ވެރިންނަށްވެސް ޖެހޭނެ ކަމެވެ. އަދި ޞަހާބީގެ ސުވާލަށް ޢުމަރުގެފާނު ޖަވާބު ދެއްވީ ފަސާދަ ޢާންމުވިއަ ނުދެއްވެވުމަށެވެ. 

އިސްލާމް ދީނުގައި ކަން އޮތީ މިފަދައިން ނަމަވެސް ރާއްޖޭގައި ފަސާދައިގެ ކަންކަން އޮތް މިންވަރާއިމެދު ވިސްނައިލުން ކިތަންމެހައިވެސް މުހިންމުކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން