އިސްލާމީ މަރުކަޒުން ރޭ ފެނުނު އެންމެ އުފާވެރި އެއް މަންޒަރަކީ ކާފައަކު އޭނާގެ 3 ކާފަ ދަރިން ގޮވައިގެން 1 ޖެހިއިރު ދަމު ނަމާދަށް ގޮސް އިން މަންޒަރެވެ!
އުމުރުން 8 އަހަރާއި 5 އަހަރާއި ދެމެދުގެ 3 ކުދިން ގޮވައިގެން ގޮސް އިން ކާފަ އިނީ ވަރަށް ހިތްހަމަޖެހިލައިގެންނެވެ. މި މަންޒަރު އިތުރަށް ފުރިހަމަވިގެން ދިއައީ 3 ކުދިން ވެސް ނުހަނު ރީތިކޮށް ޚަތިމުން އަމިއްލައަށް ކިޔަވާތަން ފެނުމުންނެވެ.
އަތުގައި ފައިސާ ހުރިނަމަ ކިތަންމެ އަގު ބޮޑު ހަދިޔާއެއްވެސް ދަރިންނަށް ދެވިދާނެއެވެ. ގިނަ ބައަކު މިހާރު ޤަބޫލުކުރާ ގޮތުގައި ދަރިންނަށް ދެވޭނެ އެންމެ އަގު ބޮޑު ހަދިޔާއަކީ ކުދިން ބޭނުންވާ ތަކެތި ގަނެދިނުމެވެ. ކުދިން ގޮވައިގެން ގޮސް ދުނިޔޭގެ އަގު ބޮޑު ބްރޭންޑްތަކުގެ ރެސްޓޯރަންޓްތަކުން ކާންދިނުމެވެ. އަގު ބޮޑު ފޯނު ދިނުމާއި ދަރިން އެދޭހައި ކަމެއް ކޮށްދިނުމެވެ.
ދީނީ ޢިލްމްވެރިން ބަޔާން ކުރައްވާ ގޮތުގައި ދަރިންނަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ އިސްލާމް ދީނުގައި ބަޔާންވެގެންވާ މަގުން ދަރިން ތަރުބިއްޔަތުކުރުމެވެ. މިސްކިތާއި ގާތް ކުރުވުމެވެ. ކީރިތި ޤްރުއާން އުނގަންނައި ދިނުމާއި ނަމާދަށް އަހުލުވެރިކުރުވުމެވެ.
ކުޑަ 2 ކާފަދަރިން ގޮވައިގެން ހުކުރުރަށް ގޮސް ހުކުރު ނިމުމުން އެކުދިން ލައްވައި ކީރިތި ޤްރްއާން ކިޔުއްވަން މިސްކިތުގައި މަޑުކުރަމުން އައި ކާފައެއްގެ ވާހަކަ މިއަދުނޫހުގައި މީގެ ދުވަސްކޮޅެއް ކުރިން ވާނީ ހާމަކޮށްފައެވެ. ދާދިފަހުން އެ ކާފަ ވަނީ ދުނިޔެ ދޫކޮށްފައެވެ. ދުޢާއަކީ މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރުކޮށް ދެއްވެވުމެވެ! އާމީން.
ކާފަ ދުނިޔެ ދޫކުރީ ދަރިންނަށްޓަކައި ތަނަވަސްކަމެއްވެސް ދޫކޮށްފައެވެ. އެ ތަނަވަސްކަމަށްވުރެ ކާފަގެ ތަރުބިއްޔަތުން ކުރާނެ ފައިދާ މާބޮޑުވާނެ ކަމަށް ޤަބޫލުކުރެވެއެވެ.
ކާފަ މިއަދު ދުނިޔޭގައި ނެތް ނަމަވެސް ކާފަ ދުނިޔެ ދޫކޮށް އެދިއައީ އެ ދަރިންނަށް އެންމެ ފައިދާ ހުރި ހަދިޔާ ދީފައެވެ. މައިންބަފައިންނާއި ކާފައިން އަދި އެންމެންވެސް ޢިބްރަތް ޙާޞިލުކުރަންވީ މިފަދަ ކަންކަމުންނެވެ.
މިސްކިތްތަކުން ފެންނަ އެންމެ އުފާވެރި އެއް މަނަޒަރަކީ މައިންބަފައިންނާއި ކާފައިން އެމީހުންގެ ދަރިން ގޮވައިގެން ނަމާދަށް ގޮސް ތިބޭ މަންޒަރެވެ. ދަރިންނާއިއެކު ކީރިތި ޤްރުއާން ކިޔަވަން ތިބޭ މަންޒަރެވެ.