29 މެޗް ކުޅެ ނިމެނީއެވެ. އެންމެ ލަނޑެއްވެސް ނުޖެހެއެވެ. ކުޅެނީ ފޯވާޑަކަށެވެ. ދަނޑަށް ކޮންމެ ދުވަހަކު އަރަނީ ވީހައި ގިނަ ލަނޑު ޖެހުމުގެ ބޭނުމުގައެވެ. ވީއިރު އެފަދަ ކުޅުންތެރިއަކު ފޭލްވެފައި ހުރި ކުޅުންތެރިއަކަށެވެ. އެފަދަ ކުޅުންތެރިއަކު ބަލައިގަންނާނެ އެއްވެސް މީހަކު ނުހުންނާނެއެވެ!
ރަމަޟާން މަހުން ފާއިތުވެގެން މިދަނީ 29 ދުވަހެވެ. ކޮންމެ ދުވަހަކު ހުންނަނީ ނުކައި ނުބޮއެވެ. ރޯދައެއް ހިފުމުގެ ބޭނުމުގައެވެ. ނަމަވެސް ﷲ ތާޢާލާ އެންގެވި ގޮތުގައި ހަމަ އެންމެ ރޯދައެއްވެސް ނުހިފޭނަމަ އެމީހާ ވާނީ މުޅި މުބާރާތުން ބާލކީވާ މީހަކަށް ނޫން ހެއްޔެވެ؟
އަދިވެސް ކުރިއަށް 2 ރޯދަ އެބައޮތެވެ. މިބުނެވުނު ހާލުގައި ތިބި މީހުން އިތުރަށް ހިތްވަރުކުރާށެވެ! މުބާރާތުން ކަޓަން 2 މެޗަށްވުމުން ކަށިހިތްވަރު ނެރެގެން މެޗްތައް ކުޅޭ ފަދައިންނެވެ.
އެންމެ ފަހު ވަގުތުގައިވެސް މިވާހަކަކޮޅު ބުނެލަން މިޖެހުނީ ބައްދަލުވާ ބައެއް މީހުންނާއި ދެކެވޭ ވާހަކަތަކުން އެމީހުން ރޯދަ މަސް ފެށުނީންސުރެ ރޯދަހިފުމަށް ނިޔަތްގަނެގެން ނުކައި ތިބި ނަމަވެސް ރޯދަ ކާމިޔާބުކުރަން ކުރަން ޖެހޭ ކަންކަން ނުކުރާކަން ފާހަގަކުރެވޭތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން