އަނަސް ބިން މާލިކް (ރޢ)ގެ ކިބައިން ރިވާވެގެން ވެއެވެ. "ފިޠުރު ޢީދު ދުވަހުގައި ކަދުރު އޮށްކޮޅެއް ފަރިއްކުޅުއްވައިގެން މެނުވީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނިކުމެ ވަޑައި ނުގަންނަވައެވެ. އެކަލޭގެފާނު އޮނަހިރި ޢަދަދަކަށް ކަދުރު ފަރިއްކުޅުއްވައެވެ."
ކަދުރު އޮށް ނުލިބިއްޖެ މީހާ ކޮންމެ އެއްޗެއް ކެއި ނަމަވެސް ރަގަޅެވެ.
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ކައު އިތުރު ރަސޫލާ (ޞޢވ)ގެ ސުންނަތުގައި ހިމެނޭ ކޮންމެ ކަމެއް ކުރުމަކީ ވެސް މަތިވެރި އަޅުކަމެކެވެ. މީގެ އިތުރުން މިކަމުގައި ޞިއްހީ ފައިދާތައް އެބަހުރި ކަމަށް ޑޮކްޓަރުން އެއްބަސްވެއެވެ. އެގޮތުން މަސް ދުވަސްވަންދެން ހެނދުނު ނުކައި ހުރުމަށްފަހު އަލުނަ ކާންފަށާއިރު ބަނޑަށް ބޭނުންވާ ތައްޔާރީ ވުމަށް މިކަމުން އެހީތެރިކަން ލިބޭކަން ޑޮކްޓަރުން ފާހަގަކުރެއެވެ. އަދި ގޮހޮރުގެ މައްސަލަތަކާއި ވައިގެ މައްސަލަތައް ހުންނަ މީހުންނަށް އެކަމުގެ ފައިދާ ވަރަށް ބޮޑުކަން ވެސް ފާހަގަކުރެވެއެވެ.
ދިވެހި ބަހުގައި ކަދުރު އޮށް ކެއުން މާނަކުރަނީ ކަދުރުގެ އޮށް ކެއުމަކަށް ނޫނެވެ. ކަދުރު ކެއުމަށެވެ. ކަދުރުއޮށް މާނަކުރަނީ ވަކިވަކި ކަދުރަށެވެ. މިކަން ފާހަގަކުރަން މިޖެހުނީ އިސްލާމް ދީނުގެ ކޮންމެ ކަމަކަށް ފާޑުކިޔަން ބޭނުންވާ މީހުން މިކަމަށްވެސް ފާޑުކިޔާތީއެވެ.