މިރޭ ފެނުނު މަންޒަރެކެވެ. ތަރާވީޙް ނަމާދުގެ 4 ރަކްޢަތް ކުރުމަށްފަހު މިސްކިތުން މީހަކު ފޭބިއެވެ. ފައިވާނާ ދިމާއަށް ހިނގައިވެސް ގަތެވެ. ނަމަވެސް ދެން ފެނުނީ އެނބުރި މިސްކިތަށް އަރައި ނަމާދުކުރަން ފެށިތަނެވެ.
8 ރަކްޢަތް ފުރިހަމަކުރުމަށްފަހު މިސްކިތުން ފޭބުމުން އޭނާ އެގޮތަށް ހިނގައިގަތް ސަބަބަބާއި ހަމަ ކުއްލިއަކަށް މިސްކިތަށް އަރައި ޖަމާއަތާއި ގުޅި ނަމާދުކުރަން ފެށި ސަބަބާއިމެދު ސުވާލުކުރީމެވެ.
"ފޭބީ ވަރުބަލިކަން އިޙްޞާޞްކުރެވުމުންނެވެ. ނަމަވެސް އެވަގުތު އަހަރެންގެ ނަފުސް އަހަރެންގެ ހިތާއި ސުވާލުތަކެއް ކުރިއެވެ. ރަމަޟާން މަހުގެ ފަހު 10 ގެ އޮނަހިރި ރެއެއްގައި ލިބެން އޮތް މިހައި މަތިވެރި ސަވާބު ނުހޯދައި އަވަހަށް ދާން ތިއައުޅެނީ ކޮން ތަނަކަށް ދާން ވެގެންހެއްޔެވެ؟ މިހައި އަވަހަށް ޝައިޠާނާގެ ކޮޅަށް އެނބުރުނީ ހެއްޔެވެ؟ ރަމަޟާން މަސް ނިމިގެން ދިއައިރުވެސް ޝައިޠާނާގެ ކިބައިން ސަލާމަތް ނުވެވުނީ ހެއްޔެވެ؟
މިސުވާލުތައް ކުރުމުން އަހަރެންގެ ނަފްސް ހަމަ ބިރުގަތީއެވެ. އަޢޫޛް ކިޔައި ޝައިޠާނާގެ ކިބައިން ސަލާމަތްކޮށް ދެއްވެވުމަށާއި ސާބިތުކަން ދެއްވެވުމަށް އެދި ދުޢާކުރަމުން އެނބުރި އަވަހަށް މިސްކިތަށް އެރީ" ކަމަށް އޭނާ ބުންޏެވެ.
ހެޔޮ އަމަލު ކުރުމުގައި ސާބިތުވުމަށް މަސައްކަތްކުރާ މީހާއަށް އެކަން ކުރެވޭނެ މަގު ﷲ ތަޢާލާ ފަހިކޮށް ދެއްވަވާނެވެ. ބޭނުންވަނީ އިޚްލާޞްތެރިކަމެވެ. ޝައިޠާނާގެ ވަސްވާސްތަކުން ތިބާ ސަލާމަތްކޮށްދެއްވަވާނެތެވެ.
(މިއަދުނޫހުގެ ކިޔުންތެރިއަކު ދިން މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެއް)