ރަމަޟާން މަސް ނިމުމުން ކުރިއާއި އެއްގޮތަށް ދީލައިލައިފިނަމަ މާނައަކީ ރަމަޟާން މަހުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފުނީ: ޝައިޚް އަނީލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ރަމަޟާން މަސް ނިމުމުން ކުރިއާއި އެއްގޮތަށް ދީލައިލައިފިނަމަ މާނައަކީ ރަމަޟާން މަހުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފުނީ: ޝައިޚް އަނީލް

ރަމަޟާން މަސް ނިމިގެންދަނީ އެވެ. ހެޔޮ އަމަލުތައް ކުރުމަށާއި ހެޔޮ ގޮތުގައި އުޅުމަށް މަސް ދުވަހު ގަދައަޅައި މަސައްކަތްކޮށްފީމުއެވެ. އެހެންކަމުން ރަމަޟާން މަސް ނިމުމުން ކުރިއާއި އެއްގޮތަށް އަމަލުތައް ދީލައިލައިފިނަމަ އެއިގެ މާނައަކީ ރަމަޟާން މަހުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފެނީއެވެ. 

ދޭތެރެއަކުން ހެޔޮ އަމަލެއް ކޮށްލުމަކީ ގިނަ ބައެއްގެ އާދައަކަށްވެފައި އޮންނަ ކަމެކެވެ. ނަމަވެސް ﷲ ތައާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ އެއީ ކިތަންމެ މަދު އަމަލެއް ނަމަވެސް އެ އަމަލެއް ކުރުންމަތީގައި ދެމިހުރެ ކުރާ އަމަލުތަކެވެ. ވީމާ އަޅުގަނޑުމެން އަބަދުވެސް ދެމިތިބެން ޖެހޭނީ ހެޔޮ އަމަލުކުރުންމަތީގައެވެ. 

ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތއް ހުޅުއްވަވައި ނަރަކައިގެ ދޮރުތައް ބަންދުކުރައްވަވައެވެ. ޝައިޠާނުންގެ ތެރޭގައި ހިމެނޭ ނުބައި ވަސްވާސްތައް ދޭ ބޮޑެތި މާރިދުންތައް ކަސްތޮޅު އަޅުއްވަވައެވެ. މިފަދަ ހުރިހާ ކަންކަން މިންވަރުފުޅު ކުރައްވަވަނީ ރަމަޟާން މަހުގެ ތަރުބަވީ މަދުރަސާއިން ފިލާވަޅުތައް ލިބިގަނެ އެކަމުގެ ފައިދާ ޙާޞިލުކުރުމަށެވެ. އެކަމަށްޓަކައި ފަހިކޮށް ދެއްވަވާ ފުރުޞަތުތަކެކެވެ. ވީމާ ރަމަޟާން މަހުގެ މޫސުން ނިމިގެން ދިއުމަށްފަހުގައިވެސް އެކަމުގެ އަސަރު އަޅުގަނޑުމެންގެ ކިބައިގައި ހުންނަން އެބަ ޖެހެއެވެ. 

ރޭއަޅުކަން ކުރުމާއި އެނޫންވެސް ވަރަށް ގިނަ ހެޔޮ އަމަލުތައް ރަމަޟާން މަހު އަޅުގަނޑުމެން ކޮށްފީމުއެވެ. ރަމަޟާން މަސް ނިމުމުން އެކަންކަން ކުރުން ދޫކޮށްލެވޭނަމަ އެއިގެ މާނައަކީ އެކަންކަން ކުރުމަކީ ހަމައެކަނި ރަމަމާން މަހު ކުރަންޖެހޭނެ ކަންކަން ކަމުގައި ޤަބޫލުކުރެވޭ ކަމެވެ. 

ރަމަޟާން މަސް ނިމިގެންދާއިރު ވަރަށް ގިނަ ހެޔޮ އަމަލުތަކެއް ކުރިކަމުގެ ޓްރެކް ރެކޯޑްތަކެއް އަޅުގަނޑުމެންގެ އެބައޮތެވެ. ވީމާ ރަމަޟާން މަސް ނިމިގެން ދިއުމުން ވެސް ޕްލޭންތަކެއް ހަދައި އެއަމަލުތައް ކުރުމަތީގައި ދެމިތިބެވޭނެ ގޮތްތަކެއް ރާވަން ޖެހޭނެއެވެ. ވަކި ތަރުތީބެއްގެ ދަށުން އެކަންކަން ކުރުންމަތީގައި ދެމިތިބެވިއްޖެ ނަމަ ﷲ ތަޢާލާގެ ޙަޞްރަތުން އެކަމުގެ ނިޢްމަތްތައް އަޅުގަނޑުމެންނަށް ލިބެމުންދާނެއެވެ. 

- މިރޭގެ އިޙްޔާ ފޯރަމްގައި ޝައިޚް މުޙައްމަދު އަނީލް ދެއްވި ދަރުސުން

މިއަދު އޮންލައިން