ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެންމެ ބޮޑު ބުއްދިވެރިއަކީ އެމީހެއްގެ ނަފްސް ދެނެގަނެ، ހިސާބުކޮށް، އެމީހަކު ކުރާ ކޮންމެ ކަމެއް ވެސް ވިސްނުންތެރިކަމާއިއެކު ޢާޚިރަތުގެ ބާއްޖަވެރިކުރަން މަސައްކަތްކުރާ މީހާ ކަމަށެވެ. ވީމާ އަހަރެމެން ކުރާ ކޮންމެ ކޮންމެ ކަމެއްވެސް ކުރަން ޖެހޭނީ އެކަމެއްގެ ސަބަބުން ތިމާގެ އާޚިރަތް ބާއްޖަވެރިކުރުމަށް އެދިގެންނެވެ.
ވީމާ އަޅުކަން ކުރުމުގައިވެސް އަދި އަމިއްލަ ދިރިއުޅުމުގެ ހަޔާތުގައިވެސް ކުރާ ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ އެމީހެއްގެ އާޚިރަތް ބާއްޖަވެރިކުރުމަށެވެ.
ދިރިއުޅުމުގައި ތަފާތު މަންޒަރުތައް ފެންނާނެއެވެ. ތަފާތު މީހުންނާއި ބައްދަލުވާނެއެވެ. އަދި ތަފާތު ކަންތައްތަކާއި ކުރިމަތިލާން ވެސް ޖެހޭނެއެވެ. މިފަދަ ކޮންމެ ކަމެއްގައިވެސް ވާގިވެރިވާން ޖެހޭނީ ހަމައެކަނި ހެޔޮ އަމަލުތައް ކުރުމަށެވެ. ނުބައި އެއްވެސް ކަމަކަށް ވާގިވެރިވެގެނެއް ނުވާނެއެވެ.
ﷲ ތަޢާލާ ކީރިތި ޤްރްއާނުގައި ވަހީ ކުރައްވާފައިވަނީ ހެޔޮ ކަންކަމުގައި އެއް ބައަކު އަނެއް ބައަކަށް އެހީތެރިވުމަށެވެ. އަދި ނުބައި ކަންކަމުގައި އެއްބާރުލުން ނުދިނުމަށެވެ.
ހެޔޮކަމެއް ކުރަން މަގުދައްކައިފި މީހަކަށް އެމީހަކު ކުރި ހެޔޮކަމާއި އެއްފަދައަކުން މަގު ދެއްކި މީހާއަށް ސަވާބު ދެއްވަވާނެ ކަމަށްވެސް ޙަދީޘްފުޅުގައި އެބައޮތެވެ. ވީމާ މީސްތަކުންނަށް ހެޔޮ އަމަލުކުރަން މަގު ދެއްކުމަކީ އެމީހެއްގެ އާޚިރަތް ބާއްޖަވެރިކުރަން ކުރެވޭ ވަރަށް ބޮޑު މަސައްކަތެކެވެ. އެއީ އެކަމުގެ ސަވާބު އެމިހާ މަރުވުމަށްފަހުވެސް ލިބިޮލިބި ހުންނާނެތީއެވެ.
ވީމާ އަބަދުވެސް ހެޔޮއަމަލުތައް ކުރަން ޖެހޭނެއެވެ. ހެޔޮކަންކަން ކުރަން މަގުފަހިކޮށްދޭން މަސައްކަތްކުރަން ޖެހޭނެއެވެ. ހެޔޮ އަމަލުތައް ކުރަން ނަޞޭޙަތްދީ އެހީތެރިވާންވާނެއެވެ. ހަމައެއާއެކު ނުބައި އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
- އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ މިރޭގެ އިހްޔާ ފޯރަމްގައި ދެއްވި ދަރުސުން
މިނިސްޓަރު ވަނީ ރަމަޟާން މަހު ބޭއްވި އިޙްޔާ ފޯރަމްތަކަށާއި އެނޫން ޕްރޮގްރާމްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ.