ތަންކޮޅެއް ކުރިއަށް ބަލައިފިނަމަ ޢީދު ދުވަސް ފަދަ މުހިންމު ދުވަސްތަކުގައި ހުރިހާ ދަރިން އެއްވާނީ މައިންބަފައިން ދިރިއުޅޭ ގެއަކަށެވެ. ކައްކާ ކައި އުފާކުރާނީ މައިން ބަފައިންނާއިއެކުގައެވެ. ނަމަވެސް ދިރިއުޅުމުގެ ޙާލަތަށާއި ވައްޓަފާޅިއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއިއެކު އެކަންކަން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ އެންމެ ކުޑަމިނުން ޢީދު ދުވަސް ނިމިގެންދާއިރު މައިން ބަފައިންނާއި ބައްދަލުވެސް ކޮށްނުލެވުމެވެ. ހަމަ ބިޒީކަމުންނެވެ.
މިކަމާއި ގުޅިގެން ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެފައިވެއެވެ.
"ކީރިތި ޤްރްއާނުގެ 4 ތަނެއްގައި (4 އާޔަތުގައި) މާތްﷲ އަށް ކިޔަމަންތެރިވުމަށާއި ޝުކުރުވެރިވުމަށާއި އެކަލާނގެއަށް އަޅުކަންކުރުމަށް އަމުރުކުރެއްވެވުމަށްފަހު (ހަމަ ވަގުތުން- އެ އަމުރުފުޅުތަކާއި ވިދިގެން) މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށާއި އެބައިމީހުންނަށް އެބައިމީހުންނަށް އިޙްޞާންތެރިވުމަށާއި ޝުކުރުވެރިވުމަށް އަމުރުފުޅު ކުރައްވަވާފައިވެއެވެ."
މިއަދުގެ ޢީދު ނަމާދުގެ ޚުޠުބާގައިވެސް ވަނީ އެކަން ފާހަގަކޮށްފައެވެ. އިމާމް ވިދާޅުވީ މިފަދަ ދުވަހަކު ވެސް އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނީ ﷲ ތަޢާލާގެ ޙައްޤުތައް އަދާކުރުމަށް ކަމަށާއި އަދި މައިންބަފައިންގެ ހައްޤުތަކަކީ ވަރަށް ބޮޑު ހައްޤުތަކެއް ކަމުގައި ވުމުން މައިންބަފައިންގެ ޙައްޤުތައް އަދާކުރުމަށް ތަޢާލާ ކީރިތި ޤްރްއާނުގައި މީސްތަކުންގެ މައްޗަށް އަމުރުފުޅު ކުރައްވަވާފައިވާ ކަމަށެވެ.
އެއްފަސްގަނޑެއްގައި ދިރިއުޅޭނަމަ މައިންބަފައިންނަށް ޒިޔާރަތްނުކޮށް ފޯނުކޮށްލުމަކުން ނުފުދޭނެއެވެ. މައިން ބަފައިންނަށް ޒިޔާރަތްކޮށް ހާލުބަލަން ޖެހޭނެއެވެ. ސަލާމްކޮށް ހިތްހެޔޮކަން ބަދަލުކުރަން ޖެހޭނެއެވެ. އެއްފަސްގަނޑެއްގައި ދިރި ނުއުޅޭނަމަ ފޮނުން ނުވަތަ އެނޫންވެސް ގޮތަކުން މައިންބަފައިންގެ ޙާލު ބަލައި މުހުތާދުތައް ފުއްދައިދީ އުފާވެރިކަން ހޯދައިދޭން ޖެހޭނެއެވެ.