މީހުންގެ ކޮނޑުމަތިން ކުރިއަރަން ދަރިން ލަދުގަތްއިރު ބައްޕައިން ލަދެއް ނުގަތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މީހުންގެ ކޮނޑުމަތިން ކުރިއަރަން ދަރިން ލަދުގަތްއިރު ބައްޕައިން ލަދެއް ނުގަތް!

މޫސުން ގޯސްވެ ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރެވޭނެ ގޮތް ނުވުމުން މިއަދު ހެނދުނު 6.20 ހައިއިރު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގެ އެތެރެ ބައިވަނީ ފުރާލައިފައެވެ. ނަމަވެސް 7.15 ވެސް ހިނގިފަހުން މީހުންގެ ކޮނޑުތައް މަތިން ގިރާކުރަމުން ބައެއް މީހުން އެމީހުންގެ ކުދި ދަރިން ވެސް ދަމަމުން މިސްކިތަށް އެރިއެވެ. މީގެ ތެރެއިން ބައެއް ކުދިން ލަދުން މީހުންގެ ކޮނޑުތައް ގިރާކުރަމުން ކުރިއަށްދާން ފަސްޖެހުމުން ބައެއް ބައްޕައިން ކުދިންގެ އަތުގައި ހިފައި ދަމަމުންވެސް ކުރިއަށް ދިއައެވެ. 

7.15 ހިނގިފަހުން މީހުންގެ ކޮނޑުމަތިން ގިރާކުރަމުން ދޭތެރެ ދުރުކުރުމަމުން 28 މީހަކު މިސްކިތަށް އެރިކަން ފާހަގަކުރެވުނުއިރު އެއިގެ ތެރެއިން 17 މީހަކު އެރީ ދަރިންވެސް ގޮވައިގެންނެވެ. އެއިގެ ތެރެއިން 3 މީހަކު ކުދިން ދަމަމުން އެންމެ ކުރީ ދެ ސަފަށް އެރިކަން ފާހަގަކުރެވުނެވެ. 

ޝައިޚް އިބްރާހީމް ފަރީދު ވިދާޅުވީ މިސްކިތް ފުރިފައިވަނިކޮށް މީހުންގެ ކޮނޑުތައް މަތިން ގިރާކުރަމުން ކުރިއަރައިގެން ދިއުމަކީ ރަސޫލް (ޞޢވ) ނަހީކުރައްވަވާފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ރަނގަޅު ގޮތަކީ ބޭރުގައި ނުވަތަ އަރިމަތީގައި މަޑުކޮށްލައިގެން ހުރުމަށްފަހު ޖާގައެއް ލިބިއްޖެ ނަމަ އެ ޖާގައަށް ދިއުނަ ކަމަށެވެ. 

މޫސުން ގޯސްވުމުން މައިދާނުގައި ޢީދު ނަމާދުކުރުން ނެތްކަން އިސްލާމިކް މިނިސްޓްރީން ވަނީ ރޭ އިއުލާނުކޮށްފައެވެ. އެހެންކަމަށްވާއިރު ކުރިއާލައި މިސްކިތަށް ގޮސް ޖާގަ ހޯދުމުގެ އާދަ ދަރިންނަށް ދަސްކޮށް ނުދޭ ނަމަ އެ ދެވެނީ ރަނގަޅު ތަރުބިއްޔަތެއް ނޫނެވެ.

މިއަދު އޮންލައިން