އާޚިރަތާއި ޢާއިލީ ދިރިއުޅުން ސަލާމަތްކުރަން ބޭނުންނަމަ އެކުވެރިންގެ ގޮތުގަ ޝައިޠާނުން ނުގެންގުޅެންވީ ސަބަބު ކީރިތި ޤްރުއާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
އާޚިރަތާއި ޢާއިލީ ދިރިއުޅުން ސަލާމަތްކުރަން ބޭނުންނަމަ އެކުވެރިންގެ ގޮތުގަ ޝައިޠާނުން ނުގެންގުޅެންވީ ސަބަބު ކީރިތި ޤްރުއާނުން

ގިނަ ބައަކަށް މިއަދު މަގު އޮޅެމުންދަނީ ޖާހިލުންނާއިއެކުގައި އުޅޭތީއެވެ. ޖާހިލުންނާއި ގާތް ގުޅުން ބާއްވާތީއެވެ. އެފަދަ މީހުން ފާހަގަކުރެވުމުން އެމީހުން އިޞްލކާޙް ކުރުމުގެ ބާރު ނުވަތަ ކުޅަދާނަކަން ލިބިފައި ނުވާ މީހުންނަށް އޮތީ އެމީހުންނާއި ދުރުހެލިވުމެވެ. އެމީހުންނާއި އިތުރަށް ވާހަކަ ދެއްކުމެއް ނެތެވެ. އެމީހުންނަށްވެސް ސަލާމްކޮށްލައި ހެޔޮ ދުޢާއެއް ކޮށްލުމުން ފުއްދައިލާށެވެ. 

އެފަދަ މީހުންނާއި ކުރިމަތިލުމުގެ ބާރާއި ހުނަރު ނެތި އެފަދަ މީހުންނާއިއެކުގައި އުޅުމުން އެމީހެއްގެ ކިބައިގައި ހުންނަ ސިފަތައް ތިމާގެ ކިބައިގައިވެސް އަށަގަންނާނެއެވެ. އާޚިރު ނަތީޖާއަކަށް ވެގެންދާނީ ޖާހިލުކަމުގެ ސިފަތައް ތިމާގެ ކިބައިގައިވެސް އަށަގަތުމެވެ. އެއިރުން ތިބާވެސް ވެގެންދާނީ އެފަދަ ޖާހިލުކަމުގެ ސިފަތައް ހުންނަ މީހަކަށެވެ. 

ގިނަ ފަހަރު ޖާހިލުންނާއި އެކުވެރިވެގެން އުޅެނީ އެމީހުންގެ ކިބައިގައި ހުންނަ ތަނަވަސްކަމުގެ ސަބަބުން ކަމަށްވެދާނެއެވެ. ތިމާއަށް އެހީތެރިކަމެއް ލިބޭތީކަމަށްވެދާނެއެވެ. އެފަދަ މީހުން ވިސްނައިލަންވީ އަލްޤަޞަޞް ސޫރަތުގެ 61 ވަނަ އާޔަތަށެވެ. 

ތިމާގެ އާޚިރަތާއި ޢާއިލީ ދިރިއުޅުން ސަލާމަތްކުރަން ބޭނުންނަމަ އެކުވެރިންގެ ގޮތުގައި ޖާހިލުން ނުގެންގުޅެންވީ ސަބަބު ކީރިތި ޤްރުއާނުން މިއޮތީ ފެންނާށެވެ. ނުބައި އަމަލުތައް ކުރުންމަތީގައި ދެމިތިބޭ މީހުންނަކީ ހަމަ ޝައިޠާނުން ފަދަ ބައެކެވެ. ސަލާމަތްކަން ލިބުން އޮތީ އެފަދަ ޝައިޠާނުންތަކާއި ދުރުހެލިވެގެންނެވެ. 

މިކަމުގެ އެންމެ ރީތި މިސާލު ފެންނާނީ ޢާއިލީ ދިރިއުޅުމުންނެވެ. ހަޔާތުގެ ބައިވެރިޔާއަށް ޚިޔާނާތްތެރިވާ މީޙުން އެކުވެރިން ކަމުގައި ގެންގުޅޭނަމަ އެ ސިފަ އެމީހެއްގެ ކިބައިގައިވެސް އަށަގަންނާނެއެވެ. ފާހިޝް އަމަލުތައް މުންކަރާތްތަކަށް ބިރު ނުގަންނަ މީހުންނާއިއެކުގައި އުޅޭ ނަމަ ހަމަ އެ ސިފަތައް ތިމާގެ ކިބައިގައި އަށަގަންނާނެއެވެ. ތިމާގެ ޢާއިލީ ދިރިއުޅުމަށް އެކަމުގެ އަސަރުކޮށް ޢާއިލާ ރޫޅިފައިވަނީ ކިތައް މީހުންގެ ހެއްޔެވެ؟ 

ހަމަ އެއާއިއެކު ބަލާ ސީރީޒްތަކަށާއި ފިލްމްތަކަށްވެސް ސަމާލުކަން ދޭންޖެހޭނެއެވެ. މަސްތުވެގެން ތިބެ ދުނިޔޭގެ އުފާ ލިބިގަންނަ ވީޑިއޯތައް ބެލުމަކީ މަސްތުވުމަށް ހިތް ޖެހޭނެ ކަމެކެވެ. އަޚްލާޤް ނުބައި، މަކަރު ހަދާ ވީޑިއޯތައް ބަލާނަމަ އެ ސިފަތައްވެސް އަށަގަންނާނެއެވެ. ދޮގުހަދައި އޮޅުވާލައިގެން ކަންކަން ކުރާ ވީޑިއޯތައް ބަލާނަމަ އެ ސިފަތައް އަށަގަންނާނެއެވެ. އަތް އިސްކުރުމާއި ނުބައި ބަސް ބުނެ އަނިޔާވެރިވުން ފަދަ ކަންކަން ކުރާ ވީޑިއޯތައް ބަލާނަމަ އެފަދަ ސިފަތައްވެސް އަށަގަންނާނެއެވެ. 

ފިލްމެއް ބަލަން ބޭނުންވެއްޖެ ނަމަވެސް ތިމާގެ ދިރިއުޅުމަށް އެކަމުން ޢިބްރަތް ލިބޭނެ، ފައިދާކުރާނެ ވީޑިއޯތައް ބަލާށެވެ! އަހަރެމެންގެ ތެރޭގައި އަނިޔާވެރިކަމާއި ނުބައި އަމަލުތައް ޢާންމުވަމުން މިދަނީ ޖާހިލުންނަށް ދޭން ޖެހޭ ސަމާލުކަން ނުދެވޭތީއެވެ. ނޭދެވޭ ވީޑިއޯތައް ބަލާތީއެވެ. އަދި އެނޫންވެސް ގޮތްގޮތުން ޖާހިލުކަމާއި ކައިރިވެވޭތީއެވެ. އެކަންކަމަށް ސަމާލުކަން ދީފިނަމަ އާޚިރަތަށާއި އަދި ޢާއިލީ ދިރިއުޅުމަށް ވެސް އެކަމުގެ ފައިދާ ކުރާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން