އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތަށް އަނެއްކާވެސް 15 ދުވަސް އިތުރު ކޮށްފިއެވެ.
މިއީ އެމީހާގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު މި ފަހަރުވެސް އިތުރުކޮށްދީފައިވަނީ ގދ ތިނަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 71 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ.
އެނގިފައިވާ ގޮތުގައި އެމީހާއަކީ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖާގެ މަންމައާއި ލޯބީގެ ގޮތުން ގުޅިގެން ކުރިން އުޅުނު މީހެއްކެވެ.
މި ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިދިޔަ މޭ މަހުގެ 10 ވަނަދުވަހުއެވެ. މި މައްސަލާގައި ތުއްތު ކުއްޖާގެ 13 އަހަރާއި 16 އަހަރުގެ ދެ ބޭބެއެއްގެ މައްޗަށްވެސް އެ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެއެވެ.
މި މައްސަލައަކީ ކުޑަކުދިންތަކެއް ހިމެނޭ މައްސަލައަކަށް ވާތީ އެ ކުދިންނާ ގުޅޭ އެއްވެސް މައުލޫމާތެއް ޖެންޑަރ މިނިސްޓްރީއަކުންވެސް އަދި ފުލުހުންނެއްވެސް ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ފުލުހުންނައި ޖެންޑަރ މިނިސްޓްރީ ގުޅީގެން އެ މައްސަލަތައް ދަނީ ތަހުޤީގުކުރަމުންނެވެ.