ތަޤްވާވެރިކަމުގަ ސާބިތުވެއްޖެނަމަ އެމީހަކަށްޓަކައި އަނގުރު އަލިފާންވެސް ފިނިކުރައްވަވާނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތަޤްވާވެރިކަމުގަ ސާބިތުވެއްޖެނަމަ އެމީހަކަށްޓަކައި އަނގުރު އަލިފާންވެސް ފިނިކުރައްވަވާނެތެވެ!

ދުނިޔެއަކީ މުސްލިމުންނަށް ފިނިފެންމަލުގެ ދާނެއް ނޫނެވެ. ކަށިކުނބުރު ޖަންގައްޔެއް ފަދަ ތަނެކެވެ. ކޮންމެ ދިމާއަކަށް ކަސިޔާރުވެލި ނަމަވެސް ކަށިތައް ހެރޭނެއެވެ. ނަމަވެސް ކެތްތެރިވެ ވިސްނުންތެރިކަމާއިއެކު ކުރިއަށް ގޮސް ޖަންގަލި ހުރަސްކޮށްފިނަމަ ނުކުމެވޭނީ ފިނިފެންމަލުގެ ދާނަކަށެވެ. 

ސާބިތުކަމާއިއެކު ކުރިއަށްދިއުމުގައި އަނގުރު އަލިފާންމަތީގައި ފިޔަވަޅު އަޅަން ޖެހުނު ނަމަވެސް ކަންބޮޑުނުވެ ފިޔަވަޅު އަޅާށެވެ. ﷲ ތައާލާއީ އިބްރާހީމްގެފާނު ސާބިތުވެވަޑައިގަތުމުން އެ ބޮޑު ބިޔަ އަލިފާންގަނޑު ރަހްމަތުގެ ބަގީޗާއަކަށް ބަދަލުކޮށް ދެއްވެވި ﷲ ތަޢާލާއެވެ. ތިބާގެ ކިބައިގައި ސާބިތުކަން ހުރިނަމަ ހަމަ ތިބާއަށްވެސް އެ ނިޢްމަތް މިންވަރު ކުރައްވަވާނެތެވެ. ފައިފިހެނީ ސާބިތުކަން ނެތުމުންނެވެ. 

ކަން މިހެން އޮތް ނަމަވެސް މި ކަންކަމަށް ވިސްނާ މީހުން މަދެވެ. ޙަޔާތުގައި ކިތަންމެ ކުޑަ ތަކްލީފަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ﷲ ތައާލާގެ މަގުން ދީލައިލާ މީހުންނެވެ. ޙަރާމް ކުރެއްވެވި ކަންކަމަށް އަރައިގަންނަ މީހުންނެވެ. ތަކްލީފް އުފުލަން މިޖެހެނީ ދުނިޔޭގައި ހޭދަކުރާ ކުޑަ ދުވަސްކޮޅު އަދި ﷲ ތަޢާލާ މިންވަރުފުޅު ކުރެއްވެވި މުއްދަތަކަށް ކަމާއި އެ މުއްދަތުގައި ސާބިތުވުމުން ދެން ކުރިއަށް އޮތީ ސުވަރުގޭގެ މަތިވެރި ނިޢްމަތްތައް ކަމާއިމެދުގައި ވިސްނައިލަނީ ހަމަ ވަރަށް މަދު މީހެކެވެ. 

ތިއަބައި މީހުން ވިސްނައި ފިކުރުކުރުމަށް ﷲ ތަޢާލާ ކީރިތި ޤްރްއާނުގައި އެތައް ފަހަރަކު ވަޙީ ކުރައްވަވާފައިވަނީ މި ސަބަބަށްޓަކައެވެ. ވީމާ ވިސްނާށެވެ! ހޭލުންތެރިވާށެވެ! ކެތްތެރިވާށެވެ! ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި ކަމަށް އޮތް ވަޙީ ބަސްފުޅަށް ވިސްނާށެވެ! އެއިރުން ހުރިހާ ކަންކަންވެސް ދާނީ ރަނގަޅުވަމުންނެވެ. ތަކްލީފްތަކަށް ކެތްކުރުމުގެ މަގަށް ހިތްވަރު ލިބެމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން