އެއް އިރު ފަތްކައިގެން ކޮނޑުގަ އަނބިމީހާ އުފުލި މީހަކަށް ދެއްވެވި ބޮޑު ނިޢްމަތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
އެއް އިރު ފަތްކައިގެން ކޮނޑުގަ އަނބިމީހާ އުފުލި މީހަކަށް ދެއްވެވި ބޮޑު ނިޢްމަތުގެ ވާހަކަ!

އަހަރެން ކައިވެނިކުރީ އުމުރުން އެންމެ 23 އަހަރުގައެވެ. ކައިވެންޏަށް އެންމެ 3 އަހަރުގައި އަންހެނުންނަށް ޖެހުނު ގަދަ ހުމެއްގައި ސިކުނޑިއަށް ލިބުނު ގެއްލުމެއްގެ ސަބަބުން ހިނގައި ނުއުޅެވޭ މީހަކަށްވިއެވެ. 

އަހަރެންނަކީ ފަޤީރެކެވެ. ތެރެޕީ ދޭން ހޮސްޕިޓަލަށް ގެންދަން ޓެކްސީއަށް ޚަރަދުކުރާނެ ފައިސާ އަތުގައި ނެތުމުން ކޮންމެ ދުވަހަކު 3 ކިލޯމީޓަރު ދުރުގައި ހުންނަ ހޮސްޕިޓަލަކަށް އަނބިމީހާ ގެންގޮސް ގެނެސް ހެދީ ހެޔޮ އެދޭ ދީލަތި މީހަކު ދިން ފުރޮޅުލީ ގޮނޑިއެއްގައެވެ. ހޮސްޕިޓަލުގައި ގޮނޑި ނުދުއްވޭ ސަރަހައްދުތަކުގައި އަންހެނުން އުފުލީ ކޮނޑުގައެވެ. 

އަހަރެން އެކަމާއިމެދު ކަންބޮޑެއް ނުވެއެވެ. އަހަރެން އެކަން ޤަބޫލުކޮށް ބަލައިގަތީ ﷲ ތަޢާލާ ކުރިމަތިކުރެއްވެވި އިމްތިޙާނެއްގެ ގޮތުގައެވެ. އެދުވަސްވަރު މަސައްކަތް ނުކުރެވޭތީ ކައިބޮއި އުޅުނީ ގޭގެ ގޯތި ތެރެއިން ލިބޭ މަދު ތަރުކާރީ ކޮޅެވެ. ދުވާލަކު އެއް އިރު ފަތްކޮޅެއް ކާލަިގެން ތިބި ދުވަސްވެސް މަދެއް ނުވާނެއެވެ. ހެދުންތައް ބައުވެ ވީދުނުއިރު ހެދުމެއްވެސް ނުހޯދުނެވެ. އެކަންކަމަށްވެސް ދެރައެއްވެސް ނުވެއެވެ. 

3 އަހަރުވެގެން ދިއައިރުވެސް މެދުކެނޑުމެއް ނެތި ގެންދިއައީ ﷲ ތަޢާލާއަށް ދުޢާކުރަމުންނެވެ. އެކަލާނގެ ހެޔޮ ރަޙްމަތްފުޅަށް އެދިގެންނެވެ. އެ ޙާލަތުން އެއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުކޮށްދެއްވެވުން އެދިއެވެ. ނަމަވެސް ވަކި ކަމަކަށް ކަނޑައެޅިގެން އެދި ދުޢާކޮށްފދައެއް ނުވާނެއެވެ. 

އެހާލުގައި އުޅެމުންދަނިކޮށް ހަމަ ގަދަ ހުމެއް ޖެހިފައި އަނބިމީހާ ނިޔާވީއެވެ. ވަޅުލެވުނީ ވަޅުލެވޭނެ ފަދަ ނެތުމުން ގެއިން ނުކުމެ ދެއަތް އުފުލައި ރޮއި ދުޢާކުރަން ހުއްޓައި އެތަން ފެނިގެން އައި އަވަށްޓެރިއެއްގެ އެހީގައެވެ. އެ ހިސާބުން އެބައި ނިމުނީއެވެ. ނޯކިރީއެއް ހޯދައިގެން އާދައިގެމަތިން ދިރިއުޅެން ފެށީމެވެ. 

އަނބިމީހާ މަރުވިތާ 2 މަސް ދުވަސް ވީދުވަހު މެންދުރު ނަމާދުން ފައިބައިގެން ގޮސް ގެއަށް ވަންތަނާ އަވަށްޓެރި މުއްސަންޖަކު އައިސް އެގެއަށް އަހަރެން ގެންދިއައެވެ. އަދި ބުނީ އަހަރެންގެ އަނބިމީހާއަށްޓަކައި އުފުލި ބުރަ ގާތުން އޭނާ ބެލި ކަމަށެވެ. އަދި އޭނާގެ ދެ އަންހެން ދަރިންގެ ތެރެއިން ބޭނުން ކުއްޖަކާ ކައިވެނިކޮށްދެން ތައްޔާރަށް ހުރިކަމަށާއި އެކަން ޤަބޫލުކުރަން އެދޭ ކަމަށެވެ. 

އހަރެންގެ އުމުރަކީ އެއިރު އެންމެ 28 އަހަރެވެ. އެހެންކަމުން ދިރިއުޅުމެއް ފަށަން ޖެހޭނެކަމަށް ޤަބޫލުކުރާތީ އޭނާގެ ހުށަހެޅުން އަހަރެން ޤަބޫލުކުރީމެވެ. ދެކުދިންކުރެ ބޭނުން ކުއްޖެއް ބަލަން އެދުމުން އަހަރެން ދެކޮޅު ހެދީމެވެ. އަހަރެން އެކަން ދޫކޮށްލީ އޭނާއަށެވެ. އޭނާ ބޭނުންވާ ދަރިއަކާއި ކައިވެނިކުރަން ޤަބޫލުކަމަށް ވެސް ބުނީމެވެ. 

އަހަރެންގެ ލޯބިވެރިޔާ އެވަނީ ދުނިޔެ ދޫކޮށްފައެވެ. ވީމާ އަހަރެންގެ ކުރިމަތީގައި ހުރިހާ އަންހެނުންވެސް ހަމަ އެއްގޮތެވެ. ވަކި ރީތި ކުއްޖަކު ހޯދަން ބޭނުން ނުވީ އެސަބަބަށްޓަކައެވެ. އޭނާ ހަމަ އެރޭ އަހަރެންނާއި އޭނާގެ ދޮށީ އަންހެން ދަރިފުޅާއި ކައިވެނިކޮށްދިނެވެ. އޭނާގެ އުމުރަކީ 33 އަހަރެވެ. އެކަމާއި މެދުވެސް ކަންބޮޑެއް ނުވެއެވެ. ކުރިން މަރުވާނީ އަހަރެން ނޫންކަން ނުއެނގޭތީއެވެ. 

ކޮންމެއަކަސް މިއަދު އަހަރެންނަކީ އަތްމަތި ތަނަވަސް މީހެކެވެ. އުފާވެރި ދިރިއުޅުމެއް އުޅެމުން ގެންދާ މީހެކެވެ. މިހާރު އަހަރެންގެ އުމުރަކީ 51 އަހަރެވެ. އެންމެ ހިތް ހަމަޖެހޭ އެއް ކަމަކީ ބަލާ ބެލުމަށް 56 އަހަރުގެ އަނބިމީހާ އަހަރެންނަށްވުރެ މާ ހަގުކަމަށް ފެންނާތީއެވެ. މިވާހަކައިން ކިޔުންތެރިންނަށް ޢިބްރަތެއް ލިބިއްޖެ ނަމަ އަހަރެންގެ ބޭނުން ޙާޞިލުވީއެވެ. 

- ޚަލީޖް ޓައިމްސްގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ޚުލާޞާ ތަރުޖަމާއެއް.

މިއަދު އޮންލައިން