ދަރިން ރުހުނު ނަމަވެސް ނުރުހުނު ނަމަވެސް ކިތަންމެ ބޮޑުވި ނަމަވެސް ދަރިންގެ އުމުރުން 7 އަހަރުން ފެށިގެން ނަމާދުކުރުމަށް ދަރިންނަށް ވަޞިއްޔަތްކުރަން ޖެހޭނެއެވެ.
ލުޤްމާން ސޫރަތުގެ 17 ވަނަ އާޔަތުގެ މާނައިގައި ވަނީ "އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމް ކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރު ކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާއަށްޖެހޭ މުޞީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، ޢަޒުމް ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ."
މިއީ ލުޤްމާންގެފާނު ދަރިންނަށް ދެއްވި ނަޞޭޙަތްތަކުގެ ތެރެއިން ނަޞޭޙަތެކެވެ. ނަމަވެސް ﷲ ތަޢާލާ ކީރިތި ޤްރްއާނުގައި ބަޔާން ކުރައްވަވާފައި އޮތުމުން އެއަށް އަމަލުކުރަން ޖެހޭނެއެވެ.
ދަރިން ގާތު ނަމާދަށް ދާން ބުނުމުން ނުދާނަމަ ގިނަ ފަހަރު މައިން ބަފައިން އަޅައެއް ނުލައެވެ. ބޮޑެތިވުމުން ނަމާދަށް ދާން ދަރިންނަށް ހަނދާންކޮށްދޭން މައިންބަފައިން ލަދު ވެސް ގަނެއެވެ. ނަމަވެސް ދަރިން ކިތަންމެ ބޮޑުވި ނަމަވެސް ނަމާދަށް ދާން ހަނދާންކޮށްދީ އެކަމަށް ބާރުއެޅުމަކީ މައިން ބަފައިން ކޮންމެހެން ވެސް އަދާކުރަންޖެހޭނެ ޒިންމާއެކެވެ.
