އަނިޔާކޮށް ގެއިން ނެރެލުމުން ބިކަހާލުގައި އުޅެ މަރުވި މަންމައަކު ކުރި ދުއާ ﷲ އިޖާބަ ކުރެއްވެވި އަޖައިބެއް ފަދަ ގޮތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 23ސ
އަނިޔާކޮށް ގެއިން ނެރެލުމުން ބިކަހާލުގައި އުޅެ މަރުވި މަންމައަކު ކުރި ދުއާ ﷲ އިޖާބަ ކުރެއްވެވި އަޖައިބެއް ފަދަ ގޮތުގެ ވާހަކަ!

އިމާމަކު ފަތިސް ނަމާދު ނިންމަވައި ގެއަށް ވަޑައިގެންނެވި މަގުމަތީގައި އަންހެނަކު އިމާމް އާއި ބައްދަލުކުރިއެވެ. އަދި ގޭގެ އެޑްރެސް ދިނުމަށްފަހު އެގެއަށް ގޮސް އޭނާގެ ދަރިފުޅާއި ބައްދަލުކޮށްދިނުމަށް އެދުނެވެ. 

ނަމަވެސް ދިމާވިގޮތުން އެދުވަހަކު ނުދެވުނެވެ. އަނެއް ދުވަހު ވެސް އިމާމް ފަތިސް ނަމާދު ނިންމަވައި ގެއަށް ވަޑައިގެންނެވި މަގުމަތީގައި ހަމަ ކުރީ ދުވަހު ބައްދަލުކުރި އަންހެން މީހާ ބައްދަލުކޮށް އޭނާގެ ގެއަށް ވަޑައިގެން ދެއްވައި ދަރިފުޅާއި ބައްދަލުކޮށްދެއްވުމަށް އެދުނެވެ. 

އެދުވަހު އިމާމަށް އިތުރު ކަމެއް ވިސްނުނެވެ. އޭނާގެ ގެއަށް އިމާމް ގެންދަން އެހައި ބޭނުންވާއިރު އޭނާ އާއިއެކުގައި ދާން ނުބުނަނީ ކީއްވެގެން ހެއްޔެވެ؟ ކޮންމެއަކަސް މިކަން އިމާމަށް ވެގެންދިއައީ ވަރަށް އުނދަގޫވި ކަމަކަށެވެ. އެހެން ކަމުން ހެނދުނުގެ ސައި ނިންމަވައި އަވަސް އަވަހަށް އެގެއަށް ވަޑައިގެން ދޮރުގައި ޓަކި ޖެއްސެވިއެވެ. 

އިރުކޮޅެއް ފަހުން 25 ވަރަކަށް އަހަރުގެ ޒުވާނަކު ދޮރު ހުޅުވިއެވެ. ކުރީ ރޭ މަސްތުވެފައި ހުރިވަރުން އަދިވެސް ހުރީ ހަމަ އެކަމުގެ އަސަރުގައެވެ. މާހައުލު ރަނގަޅަށް ބައްލަވައި ލެއްވެވުމަށްފަހު ޒުވާނާއަށް ވިދާޅުވިއެވެ. "އަހަރެން ތިބާ އާއި ބައްދަލުކޮށްލަން މިއައީ ތިބާގެ މަންމަ އެދިގެންނެވެ." 

ޒުވާނާ ދެންނެވިއެވެ. "ތިއައީ ކިހިނަކުން ވާނޭ ކަމެއް ހެއްޔެވެ؟ މަންމަ މަރުވިތާ 5 އަހަރުވީއެވެ. މަންމަ މަރުވީވެސް ގެއިން ނެރެލުމުން ދިއަ ތަނެއްގައި އުޅެއެވެ. ގެއިން ނުކުންނަން ބުނީމާ ނުނުކުންނަން އުޅުމުން އަނިޔާވެސް ކުރީމެވެ. ހުންނާނީވެސް އެކަންކަމާއި ހުރެ އަހަރެން ދެކެ ނުލާހިކު ގަދައަށް ރުޅި އައިސްފައެވެ. ވީމާ މަރުވެފައިވާ މީހަކަށް އަޅުގަނޑަށް ހެޔޮ އެދިގެން އިމާމް މިގެއަށް ފޮނުވޭނީވެސް ކިހިނަކުން ހެއްޔެވެ؟" 

އެހެން ބުނުމަށްފަހު ފާރުގައި އިން ފޮޓޯގަނޑެއް ދެއްކުމުން އިމާމް ވިދާޅުވީ މިގެއަށް އައިސް ދަރިފުޅާއި ބައްދަލުކުރަން އެދުނީ ހަމަ ތިއަ އަންހެން މީހާ ކަމަށެވެ. އެއަށްފަހު އެ ޒުވާނާއަށް ވަރަށް ވިސްނަވައި ދެއްވައިގެން އެދުވަހުގެ ޢަޞްރު ނަމާދު ވަގުތު މިސްކިތަށް ގޮސް އިމާމް އާއި ބައްދަލުކުރަން އެއްބަސްވިއެވެ. 

ޒުވާނާ އެއްބަސްވި ފަދައިން މިސްކިތަށް ދިއައެވެ. އިމާމް އާއި ބައްދަލުކުރިއެވެ. އިމާމް އާއި އިމާމްގެ ޓީމުން ދިން ނަޞޭޙަތް ޤަބޫލުކޮށް ޒުވާނާ އިޞްލާޙްވެ ތައުބާވިއެވެ. އަދި އޭނާއަށް މަންމަ އާއިމެދު ކަންތައްތައް ކުރެވުނު ގޮތާއިމެދު ހިތާމަކޮށް އޭނާގެ ފާފަ ފުއްސެވުން އެދި އާއި މަންމަގެ ފުރާނައަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާ ކުރަމުން ގެންދިއައެވެ. 

މިއީ ހަމަ ކޮންމެ މީހަކުވެސް ފުންކޮށް ވިސްނާލައި ޢިބްރަތް ޙާޞިލުކުރުން ވަރަށް މުހިންމު ވާހަކައެވެ. ވާހަކަ ކިޔުމަށްފަހު ނުވަތަ އަޑު އިވުމަށްފަހު އެ ދަރިފުޅު ސުވާލު އުފެއްދި ފަދައިން މަރުވި މީހަކަށް ދުނިޔެއަށް އާދެވުނު ގޮތާއިމެދު ސުވާލުކޮށްފާނެއެވެ. މިފަދަ ހާލަތުގައި މަރުވެފައިވާ މީހާ ކޮންމެހެން ދުނިޔެއަށް އަންނާކަށް ނުޖެހެއެވެ. އޭނާގެ ދަރިފުޅު އޭނާގެ ގައިގައި ތަޅައި އަނިޔާކޮށް ގެއިން ބޭރަށް ލުމުން އެހާލުގައި އުޅެމުންވެސް އޭނާ ދަރިފުޅު ދެކެ ރުޅި އައުމުގެ ބަދަލުގައި ކުރީ ހެޔޮ ދުޢާތައް ކަމުގައިވުން ވަރަށް ވަރަށް ގާތެވެ. އިންތިހާއަށް އަނިޔާ ލިބެމުން ދިއަ މައިމީހާގެ ދުޢާ ﷲ ތަޢާލާ އިޖާބަކުރެއްވެވީއެވެ. މައިމީހާގެ ދުޢާ ތަންފީޒު ކުރެއްވެވުމަށް ލިޔުއްވެވިގެންވާ ވަގުތު ޖެހުމުން އިރާދައިގައިވާ ފަދައިން ކަންކަން ހިނގައި ތަންފީޒުވެގެން ދިއައީއެވެ. އަންހެނެއްގެ ސިފަ އިމާމަށް ފެނިވަޑައިގަތުމާއި އޭނާގެ ވާހަކަ އަޑުއިވިގަތުމަކީ މައިމީހާގެ ދުޢާ އިޖާބަ ކުރެއްވެވުމަށް މިންވަރުފުޅު ކުރެއްވެވި ސަބަބު ކަމުގައި ވަރަށް ބޮޑަށް ބެލެވެއެވެ. 

ދުޢާއަކީ މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރު ކަމުގައިވާއިރު ދަރިއަކު އަނިޔާކުރުމުން އަނިޔާ ލިބެމުންދިއަ މައަކު، އޭނާއަށް އަނިޔާކުރި ދަރިފުޅަށްޓަކައި ހެޔޮ ދުޢާ ކުރުމުން އެ ދުޢާ އިޖާބަ ކުރައްވަވައި ތަންފީޒުކުރެއްވެވުމަށް މީސްތަކުންގެ ލޯތަކަށް ދައްކަވައިފާނެ ސަބަބެއް ޚިޔާލަށް ވެސް ނުގެނެވޭނެއެވެ. ވީމާ އެކަމަށް  ވިސްނުމުގެ ބަދަލުގައި އަހަރެމެން ކޮންމެ މީހަކީ ވެސް މައިން ބަފައިންނަށް ވަފާތެރި، އިޚްލާޞްތެރި، މައިން ބަފައިންނަށް އެހީތެރިވާ އަދި މައިންބަފައިންނަށް ލޯބި ދޭ މީހަކަށްވާން ގަދައަޅައި މަސައްކަތްކުރަމާ ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން