ރައީސް ޔާމީނުވެސް އަނިޔާ ކުރައްވަމުން ގެންދެވީ މުސްލިމުންނަށް ކަމަށާއި އެހެން ކަމާއިއެކުވެސް އެންމެ ފަހު ނޭވާ އާއި ހަމައަށްވެސް އެމަނިކުފާނާއިއެކު މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުންނެވި ކަމަށް ވިދާޅުވެ ބޮޑުވަޒީރު މޯދީ އާއިމެދު ޠާރިޤް ދައްކަވާ ވާހަކަފުޅުތަކުގެ ޞައްޙަ ކަމާއިމެދު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ސުވާލު އުފައްދަވައިފިއެވެ.
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވީ "އިންޑިއާގައި މުސްލިމުންނާއި ދޭތެރޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި ދުއްތުރާތަކަށް އިހްތިޖާޖް ކުރުމުގެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީކުރައްވަން ފެށްޓެވުމުގެ ކުރިން ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގަންނަވާނެ" ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ވިދާދާޅުވުމުންނެވެ.
ރައީސް ޔާމީނު ވަނީ އެމަނިކުފާނުގެ ވެރިކަން ދިފާޢުކުރެއްވުމުގެ ގޮތުން އެއްވެސް ކުށެއް ނެތް ގިނަބައަކު ޖަލުގައި ހައްޔަރުކުރައްވައިގެން ގެންގުޅުއްވައިފައެވެ. އެއިގެ ތެރޭގައި މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ހިމެނިވަޑައިގަންނަވައެވެ. އެއިރު ރައީސް ޔާމީން ބޭނުންފުޅުވި ހުރިހާ ކަމަކަށް ޠާރިޤް ވަނީ ފުރިހަމައަށް ތާއީދުކުރައްވައި އެއްބާރުލުން ދެއްވައިފައެވެ.