މިއަދު ބޭއްވި ޖޫޑިޝަލް ސަރިވިސް ކޮމިޝަން (ޖޭއެސްސީ) ގެ 33 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަންކަމުގެ ތެރޭގައި ފުރަތަމަ ފަހަރަށް ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. މިގޮތުން ވަކިކުރަން ނިންމެވީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދުއެވެ.
މިއާއެކު ދެ ފަނޑިޔާރަކު ސަސްޕެންޑް ކުރުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ. ސަސްޕެންޑްކުރަން ނިންމެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ އާއި ފެމިލީ ކޯޓުގެ އިސްޤާޟީ ޙަސަން ސަޢީދުއެވެ. މީގެ އިތުރުން ސިވިލް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައަކާއި ގުޅިގެން، އެތަނުގެ ފަނޑިޔާރަކާއި ގުޅޭގޮތުން ހުށަހެޅުނު ޝަކުވާއެއް ބެލުމަށާއި ސެކްރެޓަރީ ޖެނެރަލަކު ނެގުމަށްޓަކައި އެކުލަވާލި ކޮމިޓީން ތައްޔާރުކޮށްފައިވާ ކްރައިޓީރިއާ ކޮމިޝަނުން ވަނީ ފާސްކޮށްފައެވެ.
ކޮމިޝަންގެ ރައީސް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި ކޮމިޝަނަށް އަލަށް އިންތިޙާބު ވެވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، އަދި ރައްޔިތުންގެ މަޖިލީހުން ކޮމިޝަނަށް ކަނޑައެޅުއްވި މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛާ ޙިސާން ހުސައިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ކޮމިޝަންގެ ނައިބު ރައީސް އަލްއުސްތާޛު މަސްތޫރު ހުސްނީ، ކޮމިޝަންގެ މެމްބަރު އިބްރާހީމް ރިފްޢަތު، ކޮމިޝަންގެ މެމްބަރު ޢަބްދުރަޢޫފު އިބްރާހީމް، ކޮމިޝަންގެ މެމްބަރު މުޙައްމަދު އީސާފުޅު، ކޮމިޝަންގެ މެންބަރު ލަތީފާ ޤާސިމް އަދި ކޮމިޝަންގެ މެމްބަރު އަބްދުލްޙަންނާނު އަޙުމަދު ބައިވެރިވެވަޑައިގެންނެވިއެވެ.