ޖޭއެސްސީން މިމަހުގެ 12 ދުވަހު ނިންމި ނިންމުމަކީ ޤާނޫނީ ބާރު ލިބިފައިވާ ނިންމުމެއް ކަމަށް މަޖިލީހުން ފާސްކުރަން މަޖިލީހުގެ ޖޫޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
މިރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މީގެ އިތުރުން ވަނީ ދައުލަތުގެ އެހެން ބާރުތަކާއި މިނިވަން މުއައްސަސާތަކުގެ މަސައްކަތުގެ ޤާނޫނީ އިޙްތިޞާޞްގެ ތެރެއަށް ސްޕްރީމް ކޯޓުން ނުވަނުމަށް ސްޕްރީމްކޯޓަށް އިލްތިމާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ފެންނަކަމަށް ހުށަހަޅަންވެސް ފާސްކޮށްފައެވެ.
"ޖޭއެސްސީގެ ޤާނޫނީ އިޙްޠިޞާޞްގެތެރެއަށް ދިވަހިރާއްޖޭގެ ސްޕްރީމް ކޯޓުން ވަދު އެކޮމިޝަނުގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްތަކެއް ކުރިމަތިކުރުވާފައިވާކަން މަޖިލީހުގެ ޖޫޑިޝަރީ ކޮމިޓީއަށް ފާހަގަކުރެވޭތީ އެކޮމީޝަނަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން ނިންމާ ނިންމުންތަކަކީ ޤާނޫނީ ބާރު އޮތް ނިންމުންތަކެއް ކަމަށާއި، އެކޮމިޝަނުން 12 ޖޫން 2019ގައި ނިންމި ނިންމުމަކީ ޤާނޫނީ ބާރު ފުރިހަމައަށް އޮތް ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށާއި ދައުލަތުގެ އެހެން ބާރުތަކާއި މިނިވަން މުއައްސަސާތަކުގެ މަސައްކަތުގެ ޤާނޫނީ އިޙްތިޞާޞްގެ ތެރެއަށް ސްޕްރީމް ކޯޓުން ނުވަނުމަށް ސްޕްރީމްކޯޓަށް އިލްތިމާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ފެންނަކަމަށް" މިރޭ ފާސްކުރި ރިޕޯޓުގައި ހިމަނާފައިވެއެވެ.
ކޮމިޓީގެ ރައީސް އިމްތިޔާޒް ފަހުމީ ވިދާޅުވީ ރިޕޯޓް ފާސްކުރަން ވޯޓު ނުދެއްވީ އެންމެ މެންބަރަކު ކަމަށެވެ.