މިދިޔަ ހުކުރު ދުވަހު އައްޑޫއިން މާލެއަށް ފުރައިގެން އައި ފްލައިޓެއްގައި، ދިވެހި އަންހެނަކަށް ޖިންސީ ފުރައްސާރަކުރި، ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ބިދޭސީ ލެކްޗަރާއެއް އިއްޔެ ވަޒީފާއިން ވަކި ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލައިޓެއްގައި އަންހެނަކަށް ޖިންސީ ފުރައްސާރަ ކޮށްގެން ވަޒީފާއިން ވަކިކޮށްފައިވަނީ އެމްއެންޔޫއާއި މިއަހަރު ގުޅުނު، އެތަނުގެ ތިނަދޫ ކެމްޕަހުގައި ފާމަސީ ކޯހުގެ ހަތަރު މާއްދާއެއް ކިޔަވާދެމުންދިޔަ އަނީސް މަރިއަމަތިއަސް އެވެ. އޭނާގެ އެބަދުއަޚްލާގީ އަމަލުގެ ޚަބަރު ލިބުމާއެކު ޤައުމީ ޔުނިވާރސިޓީން އަނީސް ސަސްޕެންޑު ކުރި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ވީޑިއޯތަކަކާއެކު ސޯޝަލް މީޑިއާގައި މިމައްސަލަ އާންމުކުރި އަންހެންމީހާ ލިޔުނު ގޮތުގައި ފްލައިޓަށް އެރި ވަގުތުން ފެށިގެން އެދަތުރު ނިމެންދެން ވެސް އަނީސްވަނީ ކުރިމަތީގައި އިން ސީޓުގައި އިނދެގެން، އެކި ގޮތްގޮތުން އޭނާއަށް ފުރައްސާރަ ކޮށްފައެވެ.
އެވީޑިއޯތަކުން ފެންނަ ގޮތުގައި އަނީސް ފަހަތަށް އެނބުރި ދުލުންނާއި އިނގިލިިން ހުތުރު ވައްތަރުތަކެއް ޖައްސާ އޭނާގެ ފޯނުން އައުރަ ނިވާނުކޮށް ތިބޭ މީހުންގެ ފޮޓޯއާއި ޖިންސީ އަމަލުތައް ފެންނަ ފޮޓޯތައް ވެސް އަންހެން މީހާއަށް ދައްކައެވެ.
އަންހެން މީހާ ބުނެފައިވަނީ ފްލައިޓު ޖެއްސުމާއެކީ އެލެކްޗަރާގެ ބަދުއަޚްލާގީ އަމަލުތައް ކްރޫގެ ސަމާލުކަމަށް ގެނެސް ފުލުހުންނަށް ވެސް އެމައްސަލަ ހުށަހެޅި ކަމަށެވެ.
ފުލުހުން އަންނަނީ މިމައްސަލަ ބަލަމުންނެވެ.