މިދިޔަ ބުރާސްފަތިދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޖަލުގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ އޮފިސަރުން ގޮޅިތަކަށް ވަނުމަށާއި އެކި ބޭނުންތަކުގައި ގައިދީން މާލެ ގެނައުމަށް، އެއޮފިސަރުން ދެކޮޅު ހަދައިފި އެވެ.
މާފުށީ ޖަލުގެ ޔުނިޓު ހަތަރެއްގައި ހަމަނުޖެހުން ހިނގީ އެހެން ގޮޅިއެއްގައި ތިބި ގައިދީންތަކެއްގެ އަތުން ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން އެދުމުން އެކަމަށް އޮފިސަރު އިންކާރު ކުރުމުންނެވެ.
އެނގިފައިވާ ގޮތުގައި ގައިދީ އިސްވެ އޮފިސަރަށް ހަމަލާ ދިނުމާ އެކު އީއެސްޖީގެ އޮފިސަރުން ގޮޅިތަކަށް ވަދެ ޕެޕަ ސްޕްރޭޖަހައި ގައިދީން ގައިގައި ތަޅައި އަނިޔާކުރި އެވެ. މިހަމަލާގައި ހަ ގައިދީއަކަށް އަނިޔާވި އިރު، ބައެއް މީހުންގެ ބޯ ތުނިކޮށް ކޮށާލި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި މި ހަމަނުޖެހުމުގެ ތެރޭގައި، އެޔުނިޓުގައި ހުރި ސީސީޓީވީ ކެމެރާތައް ވެސް ވަނީ ތަޅާލާފައެވެ.
މިހަމަނުޖެހުންތަކާ ގުޅިގެން އީއެސްޖީގެ ކޮމާންޑަރު ސަސްޕެންޑްކޮށްފައިވާއިރު، ޖަލުގައި އަނިޔާކުރީ ކޮން އޮފިސަރުންނެއް ކަމެއް އަދި ނުހޯދޭ ކަމަށް ކަރެކްޝަންސުން ވަނީ ބުނެފަ އެވެ.
އެނގިފައިވާ ގޮތުގައި އީއެސްޖީ އޮފިސަރުން ގޮޅިތަކަށް ވަނުމަށާއި ގައިދީން މާލެ ގެންނަން ދެކޮޅު ހަދަނީ، އެ މީހުންނަށް ރައްކާތެރި ކަމެއް ނެތް ކަމަށް ބުނެ އެވެ. ގައިދީން ބޭސްފަރުވާ އަށާއި ޝަރީއަތްތަކަށް މާލެ ގެނައުމާއި ހަވާލުވެ ހުންނަނީވެސް އެއޮފިސަރުންނެވެ.
މިކަމާ ގުޅިގެން ކަރެކްޝަންސް ސާވިސްގެ މީޑިއާ އޮފިޝަލް ހަމައެކަނި ވިދާޅުވީ ގައިދީން މާލެ ގެނައުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.