އައްޑޫގެ އާ ހޮސްޕިޓަލަށް ބޭނުންވާ އެމްއާރްއައި މެޝިން އައްޑޫއަށް ގެނެސްފިއެވެ.
މިމެޝިން އައްޑުއަށް ގެނެސްފައިވަނީ، ދުނިޔޭގެ މުދާ އުފުލާ އެންމެ ބޮޑު އެއް މަތިންދާ ބޯޓު ކަމަށްވާ އެންޓޮނޯވް އޭ.އެން 124 މަރުކާގެ މުދާ އުފުލާ މަތިންދާ ބޯޓުގައި މިއަދު ފަތިހު 5:00 ޖަހާ ކަންހާއިރެވެ.
ދިވެހި ސަރުކާރުން ޗާޓަރު ކޮށްގެން އައި މި ބޯޓު ގަމަށް އައިސްފައިވަނީ ސީދާ ދުބާއީންނެވެ. މިބޯޓު މުދާ ބޭލުމަށް ފަހު ފުރާނީ މިރޭ 19:00 ގައި ކަމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން ބުނެއެވެ.
އައްޑޫގެ އާ ހޮސްޕިޓަލްގައި މިހާރު ކުރަމުންދަނީ މެޝިނަރީސް އިންސްޓޯލް ކޮށް ނިންމުމުގެ މަސައްކަތް ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިހޮސްޕިޓަލް އޮގަސްޓް މަހުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.
އައްޑޫގައި ތަރައްޤީ ކުރަމުން އަންނަ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުން އެމްއާރްއައި، ސީޓީ ސްކޭން ފަދަ މުހިންމު ޓެސްޓުތަށް ހެދޭނެ ގޮތަށް ތަރައްޤީ ކުރަމުންދާ ހޮސްޕިޓަލެކެވެ. މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އަންނަ ސީރިއަސް ކޭސްތަކުގައި މިފަދަ ޓެސްޓުތައް ހެދެން ނެތުމުން މާލެއަށް ފޮނުވާލަން ޖެހުމާއި ގުޅިގެން އައްޑޫގެ ސިއްޙީ ނިޒާމުގެ ހާލަތާއި މެދު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.