އިބިލީސް ﷲ ގެ ޙަޟްރަތުގައި ކުރި ޗެލެންޖް އެނގޭއިރު ނަރަކައިން ސަލާމަތް ނުވެވެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
އިބިލީސް ﷲ ގެ ޙަޟްރަތުގައި ކުރި ޗެލެންޖް އެނގޭއިރު ނަރަކައިން ސަލާމަތް ނުވެވެނީ ކީއްވެ؟

އެއްވެސް މީހަކު، ﷲ ތައާލާ ނަހީ ކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރަން ބުނެފިނަމަ ނުވަތަ ހިތްވަރުދީފިނަމަ ވަގުތުން އެމީހަކާއި ދުރަށް ދާށެވެ! އެމީހެއްގެ އަޑު ނުއަހާށެވެ! އެމީހެއްގެ ކިބައިން ސަލާމަތް ނުވެވިއްޖެ ނަމަ ތިބާއަކީ އިބިލީހެއް ކަމަށް ބުނެގެންވެސް އެމީހަކާއި ދުރުހެލިވާށެވެ!

ތަންކޮޅެއް ކުރީގެ ޒަމާނަށް ބަލައިފިނަމަ އިބިލީސް ލޮލަށް ނުފެންނާނެ ކަމަށް ބުނާ މީހުން ވަރަށް ގިނަވާނެއެވެ. އެއީ އެޒަމާނުގައި އިންސާނުންގެ ތެރޭގައި ތިބި އިބިލީހުން މަދުކަމުންނެވެ. ނަމަވެސް މިއަދު އެކަން މިވަނީ ބަދަލުވެފައެވެ. އިންސާނުންގެ ތެރޭގައި އިބިލީސްތައް ވަރަށް ގިނައެވެ. މުސްލިމުންގެތެރޭގައިވެސް ހަމަ އެހައި ގިނައެވެ. ބޭރުފުށުން އެމީހުންނަކީ މުސްލިމުންނެވެ. ނަމަވެސް އެމީހުންގެ އަމަލުތަކުން އެއީ ހަމަ އިބިލީހުންނެވެ. އަބަދުވެސް ބުނާފަދައިން ލޮލަށް ނުފެންނަ އިބިލީސްތަކަށްވުރެ ލޮލަށް ފެންނަ އިބިލީސްތަކުގެ ނުރައްކައުތެރިކަން މާބޮޑެވެ.  

މިއަދު މީސްތަކުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިބިލީހަކީ ކާކުކަން ނުއެނގުމެވެ. އިބީލީހާއިމެދު ﷲ ތަޢާލާ ކީރިތި ޤްރްއާނުގައި ބަޔާން ކުރައްވަވާފައިވާ ވަޙީ ބަސްފުޅުތައް ކިޔައި ހޭލުންތެރި ނުވުމެވެ. އިބިލީސް ﷲ ތައާލާގެ ޙަޟްރަތުގައި ދެންނެވި ދެންނެވުންތައްވެސް ނުއެނގުމެވެ.  

އިބިލީހުގެ އެންމެ ބޮޑު ޗެލެންޖަކީ އެންމެހައި މީސްތަކުން މަގު ފުރައްދައި ނަރަކައަށް ވައްދާނެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ކުރި ޗެލެންޖެވެ. އެކަން ކުރެވޭތޯ ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް އިބިލީސް ކުރަމުން ގެންދާނެއެވެ. އާދަމްގެފާނުން ފެށިގެން އިބިލީސް އެގެންދަނީ އެކަމަށް މަސައްކަތްކުރަމުންނެވެ. ދުނިޔެ ނިމެންދެން ވެސް އެ މަސައްކަތުގައި އިބިލީސް ދެމިހުންނާނެއެވެ.  

މިކަންކަން ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އަދި ޤަބޫލުވެސް ކުރާނެއެވެ. ނަމަވެސް ޢަމަލު ކުރެވޭ ކަމަށް މިވަނީ ހަމަ ކޮންމެ އެއްހާހަކުން އެކަކަށެވެ. ހާހަކުން މީހަކަށް ސުވަރުގެ ވަދެވޭ ސަބަބަކީ އެއީއެވެ.  

މިހެން މިދިމާވަނީ އިބިލީސް، އިންސާނާގެ ކުރިމައްޗަށް ދުނިޔަވީ އެދުންތައް ގެނެސް ދަހިކުރުވުމުން އާޚިރަތް ދުވަސްމަތިން ހަނދާން ނެތިގެންދާތީއެވެ. ކީރިތި ޤްރްއާން މަތިން ހަނދާން ނެތިގެންދާތީއެވެ. އެކަންކަމުގެ ނަތީޖާއަކަށް މިވަނީ އިބިލީހުގެ މަޅީގައި ޖެހި އިބިލީހުގެ ކަސްތޮޅުން އަމިއްލައަށް ކަސްތޮޅު އެޅިގެން ދިއުމެވެ. އެ ކަސްތޮޅުން ސަލާމަތް މިވެވެނީވެސް ވަރަށް މަދު މީހަކަށެވެ.   

މީސްތަކުންނޭވެ! ފާފައަކަށްވާ އެއްވެސް ކަމެއް ކުރަން ކިތަންމެ ކުޑަކޮށް ނަމަވެސް ޝައުޤުވެރިކަން އުފެދޭނަމަ ފުރަތަމަވެސް އިބިލީސް މަތިން ހަނދާން ކުރާށެވެ! މިދެވެނީ ނަރަކަ އާއި ކައިރިއަށްކަން ހިތަށް އަރުވާށެވެ! ނަރަކައިގެ އަލިފާނުގެ ހޫނުގަދަ ކަމާއި ނަރަކައިން ދުވަހަކުވެސް ސަލާމަތް ނުވެވިދާނެކަން ހިތަށް އަރުވާށެވެ!  

އިބިލީސް އެއިގެ އަސްލު ސިފައިގައި ނުފެންނަނީ ފެނުމުން އެއީ އިބިލީސްކަން އެނގި މީސްތަކުން ވަގުތުން އަޢޫޛް ކިޔައި އިބިލީސް ފައްސައިލާނެތީއެވެ. އެހެންވެ މިހާރު އިބިލީސް މިވަނީ އިންސާނުންގެ ތެރެއިން އެތައް ބައިވަރު އިބިލީސްތައް ތައްޔާރުކޮށް ތަމްރީނުކޮށްފައެވެ. "މިވެނި ފާފައެއް އެންމެ ފަހަރަކު ކޮށްލުމަކީ އެހައި ބޮޑު ކަމެއް ނޫނެވެ. ﷲ ތައާލާއަށް ދަންނަވައިލުމުން ފާފަ ފުއްސަވާނެތެވެ." ބުނާ އިންސާނުން މަދު ހެއްޔެވެ؟ ބަނގުރާ ބުއިމާއި ފާހިޝް އަމަލުތައް ނުކުރަން އުޅުމުން "ތިއައީ ފިރިހެނެއް" ނޫން ކަމަށް ބުނާ މީހުން މަދީ ހެއްޔެވެ؟ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ޚިޔާނާތްތެރި ނުވުމުން "ތިއައީ ރަނޑެއް" ކަމަށް ނުބުނަނީ ހެއްޔެވެ؟  

މީސްތަކުންނޭވެ! މިކަންކަމަށް ހޭލުންތެރިވާށެވެ! ހޭލުންތެރިވެވޭނީ އެކަންކަމަށް ގިނަގިނައިން ވިސްނައިގެންނެވެ. ކީރިތި ޤްރްއާނާއި ކައިރިވެގެންނެވެ. ސުންނަތް ނަމާދުކުރުން ގިނަކޮށްގެންނެވެ. ފަރުޟު 5 ނަމާދު ފުރިހަމައަށް އަދާކޮށްގެންނެވެ. 

ފަށަމުން ބުނިފަދައިން އިބިލީސް ﷲ ތަޢާލާގެ ޙަޟްރަތުގައި ކުރި ޗެލެންޖް އެބައެނގެއެވެ؟ ވީއިރު ނަރަކައިން ސަލާމަތް ނުވެވިގެން މިއުޅެނީ ކީއްވެގެންހެއްޔެވެ؟ އިބިލީހުގެ ދަލުގައި ގިނަބައަކު ޖެހެމުން މިދަނީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ ނަފުސަށް ވިސްނައިލާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން