ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ވޯޓުގައި ބައިވެރިވި 70 މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފިއެވެ. މިއީ މިހާރު އަމަލުކުރާ ފެހި ޤާނޫނު އަސާސީގެދަސުން ރައްޔިތުންގެ މަޖިލީހުން ވަކިކުރި ފުރަތަމަ ފަނޑިޔާރެވެ.
މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ވިދާޅުވީ އިބްރާހީމް ރަޝީދުގެ މައްސަލައަށް ގޮތެއް ނުނިމި 6 އަހަރު ދިގުލައިގެން ދިއަ ނަމަވެސް ދެން އެހެން ނުވާނެ ކަމަށެވެ. ވަކިކުރަން ޖެހޭ ހުރިހާ ފަނޑިޔާރުންނާއިމެދު ވަގުތުން ގެންދާނީ ފިޔަވަޅު އަޅަމުންކަމަށެވެ.
އިބްރާހީމް ރަޝީދު ވަކިކުރުމުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި މަޖިލީހަށް ފޮނުވުމުން އިއްޔެ ވަނީ އެ މައްސަލަ މަޖިލީހުގެ ޖޫޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ. ކޮމިޓީން ބަލާފައިވަނީ އޭނާ މަޤާމުން ވަކިކުރަން ޖޭއެސްސީ އިން ކަންކަން ބަލާފައިވަނީ އިޖުރާތުތަކާއި އެއްގޮތަށް ކަމެވެ.