ދައުލަތުގެ އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްތަކަށް މަޖިލިސް އޮތީ ގަދަ ނިދީގަ ނިދާފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ދައުލަތުގެ އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްތަކަށް މަޖިލިސް އޮތީ ގަދަ ނިދީގަ ނިދާފަ!

ދައުލަތުގެ ފައިސާ އާއި މުދަލަށް ޚިޔާނާތްތެރިވެ ކޮރަޕްޝަނުގެ އަމަލުތައް ހިންގަމުން ގެންދާކަން ފާހަގަކޮށް ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ ފަރާތުން އެތައް ސަތޭކަ ރިޕޯޓެއް ނެރެފައިވާއިރުވެސް ރައްޔިތުންގެ މަޖިލިސް އޮތީ ގަދަ ނިދީގައި ނިދާފައިކަން ދޭހަވާ ގޮތަކަށް އޮޑިޓަރ ޖެނެރަލް ޒިޔަތު ވާހަކަފުޅު ދައްކަވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ޒިޔަތު މިއަދު ވިދާޅުވީ ކުންފުނިތަކާއި އިދާރާތަކާއި އަދި އެނޫން ތަންތަންވެސް ޒިންމާދާރުކުރުވޭނީ އެކަމަށް މަސައްކަތްކުރަންޖެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމުން ކަމަށެވެ. އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަކީ ދައުލަތުގެ ޙައްޤުތައް ހޯދަން މަސައްކަތްކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަން ޖެހޭނެ އެއް ފަރާތް ނަމަވެސް ޒިޔަތު މިއަދު ވިދާޅުވީ އެ ކޮމީޓީއަށް ވެސް އަދި ކިރިޔާ އެ ހާޒިރުކުރީ ކަމަށެވެ. 

އެމްއެމްޕީއާރުސީގެ މައްސަލައިގައި ކޮމިޓީން ކުރި ސުވާލުތަކަށް ވެސް ޒިޔަތު ޖަވާބުދާރީވިއެވެ. ޒިޔަތު ވިދާޅުވީ އެމްއެމްޕީއާރުސީގެ ނަމުގައި އޮތް ޗެކެއް އެހެން އެކައުންޓަކަށް ޖަމާކުރަން 2 ސޮއި ބޭނުންވާނެ ކަމަށާއި ނަމަވެސް ހުރިހާ ޗެކެއްގައި ވެސް ސޮއިކޮށްފައިވަނީ އެމްޑީ އެކަނި ކަމަށެވެ. 

ޒިޔަތު ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ ދައުރަކީ ހަމައެކަނި އޮޑިޓްކުރުން ކަމަށެވެ. ސުވަލޫކޮށް ތަޙްޤީޤްކޮށް ނުހެދޭކަމަށެވެ. 

ޒިޔަތު ސިދާ ވިދާޅުނުވި ނަމަވެސް އެވިދާޅުވީ "އަހަރެން ރިޕޯޓްތައް ނެރުނީމޭ. މަޖިލިސް ވެސް އޭސީސީސީ ވެސް ޕީޖީވެސް ފުލުހުންވެސް އެ ރިޕޯޓްތަކަށް ބަލައި ފިޔަވަޅު އެޅިނަމަ އެކަމުގެ ފައިދާ ކުރީހޭ!" ކަމަށް ޤަބޫލުކުރެވެއެވެ. 

ހުރިހާ ސަރުކާރުތަކެއްގެ އޮޑިޓް ރިޕޯޓްތަކުގައިވެސް މައްސަލަތައް ހުރެއެވެ. 2007 ވަނަ އަހަރުން ފެށިގެން ނެރުނު އޮޑިޓް ރިޕޯޓްތަކަށް ފިޔަވަޅު އެޅުނު ނަމަ ރާއްޖޭގެ ސިޔާސީ މޫނުމަތި މުޅިން ތަފާތުވެގެންދާނެއެވެ. މިހާރު ބޮޑެތި ގޮނޑިތަކުގައި ތިބި ގިނަ ބައަކު ތިބޭނީ ޖަލުގެ ގޮޅިތަކުގައެވެ.  

މިކަމަށް މިހައިތަނަށް އެންމެ ބޮޑަށް މަގުފަހިކޮށްދިން ފަރާތަކީ ރައްޔިތުންގެ މަޖިލީހެވެ. މަޖިލީހުން އެކަންކަމަށް އަޅައިލިނަމަ ހުރިހާ މައްސަލަތަކެއް ޙައްލުވީހެވެ. އެހެނީ އޭޖީ، ޕީޖީ، ޕޮލިސް، އޭސީސީ އަކީ މަޖިލީހަށް ޖަވާބުދާރީ ކުރުވޭނެ މުއައްސަސާތަކެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓުންނާއި އެހެންވެސް ގޮތްގޮތުން ކޮށްފައިވާ ވައްކަންތަކާއި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް މަގުފަހިކޮށްދީފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމީޓީކަމަށް ގިނަ ބައަކު އަބަދުވެސް އަންނަނީ ބުނަމުންނެވެ.

މިއަދު އޮންލައިން