ނަމާދަށް ކަންނެތްވާ މީހުން ވިސްނައިލަން ވަރަށް މުހިންމު ދެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ނަމާދަށް ކަންނެތްވާ މީހުން ވިސްނައިލަން ވަރަށް މުހިންމު ދެ ކަމެއް!

މުސްލިމުންނަކީ ނަމާދުކުރަން ބޭނުންވާ ބައެކެވެ. ނަމަވެސް ކަންނެތްވެވެނީއެވެ. ވީމާ އަހަރެމެންނަށް އޮތްކަމަކީ ކަންނެތް ނުވާނެ ގޮތެއް ހޯދަން މަސައްކަތްކުރުމެވެ. އެކަމަށް ވިސްނައި ފިކުރުކުރުމެވެ. ވީމާ ފުރަތަމަވެސް ވިސްނައިލަންވީ ނަމާދުކުރަން ޖެހެނީ ކީއްވެގެންތޯއެވެ! އެއީ ކިހައިވަރެއްގެ މުހިންމު ކަމެއްތޯއެވެ؟ 

މޫސާގެފާނަށް ބަސް ވަޙީކުރެއްވެވީ މަލާއިކަތަކު މެދުވެރި ނުކުރައްވަވައެވެ. މޫސާގެފާނަށް ﷲ ތައާލާ އެންމެ ފުރަތަމަ ވަޙީކުރެއްވެވި ބަސްފުޅާއިމެދު ވިސްނައިލުން ކީއްހެއްޔެވެ؟ 

މޫސާގެފާނަކީ ﷲ ތައާލާގެ ރަސޫލްބޭކަލަކު ކަމުގައި އިޚްތިޔާރު ކުރެއްވެވިކަން ވަހީކުރެއްވެވުމަށްފަހު ވަޙީ ކުރެއްވެވީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރެއްވެވުމަށެވެ. ވިދިގެން ވަޙީކުރެއްވެވީ ނަމާދު ޤާއިމުކުރެއްވެވުމަށެވެ. ކީއްކުރަން ހެއްޔެވެ؟ ﷲ ތަޢާލާގެ މަތިން ހަނދުމަފުޅު ކުރެއްވެވުމަށެވެ. 

އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) އުޑަށް އުފުލެއްވުނެވެ. މިޢްރާޖްގެ ދަތުރުފުޅުގައެވެ. ކިހައި ހިސާބަކަށް ހެއްޔެވެ؟ ޖިބްރީލްގެފާނަށްވެސް ވަޑައިގަތުމުމުގެ އިޒުނަފުޅު ނެތް ހިސާބަށެވެ. "ލައުހުލްމަޙްފޫޒް"ގައި ލިޔެވޭ އަޑުފުޅު އިވިވަޑައިގަންނަވާ ހިސާބަށެވެ. 

އެންމެ މައްޗަށް ރަސޫލް (ޞޢވ) އުފުއްލެވުމަށްފަހު ﷲ ތަޢާލާ 5 ނަމާދު ބާވައިލެއްވެވިއެވެ. އެހެން ހުރިހާ އަޅުކަމެއް ބާވައިލެއްވެވީ ޖިބްރީލްގެފާނު މެދުވެރި ކުރައްވަވައެވެ. އެހެންކަމުން އަހަރެން ޤަބޫލުކުރާ ގޮތުގައި ރަސޫލް (ޞޢވ) އުޑަށް އުފުއްލެވީ ނަމާދު ބާވައިލެއްވެވުމަށެވެ. ނަމާދުގެ މުހިންމުކަން ބޮޑުކަމުން ޖިބްރީލްގެފާނުވެސް މެދުވެރި ނުކުރައްވަވައި ސީދާ މަސްއޫލިއްޔަތު ހަވާލުކުރެއްވެވުމަށެވެ. އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ!   

މީސްތަކުންނޭވެ! ބަޔާން މިކުރި ދެކަމުންވެސް އެނގިގެންދަނީ ނަމާދުކުރުމުގެ މުހިންމުކަމުގެ ބޮޑުކަމެވެ. ނަމަވެސް އަހރެމެން މިއަދު މިދަނީ ނަމާދުކުރުމަށް ކަންނެތްވަމުންނެވެ. އެހެން ނުހަދާށެވެ! ނަމާދަށް ކަންނެތްވާނަމަ މި ބަޔާންކުރި ދެ ކަމަށް ވިސްނައިލާށެވެ! މިކަންކަން ވިސްނުމުން ކަންނެތްކަން ފިލާނެއެވެ! ނަމާދު ނުކޮށް ހުންނަން ބިރުގަންނަން ފަށާނެއެވެ! ކޮންމެ ގޮތެއްވީ ނަމަވެސް އާޚިރަތް ދުވަހުގެ ސަލާމަތްކަން އޮތީ ނަމާދު ފުރިހަމައަށް އަދާކުރުމުންނެވެ! 

- އުސްތާޛް ޢަލީ ހައްމުދާ ގެ ދަރުސަކުން

މިއަދު އޮންލައިން