ވެރިންނާ ބައްދަލުކުރަން ކިޔޫގެ އެންމެ ކުރިއަށް އަރާއިރު ﷲ އާއި ކުއްތަންވާން އެންމެ ކުރިއަށް ނާރައި ސުވަރުގެ ލިބުމަށް އެދެނީ ކިހިނަކުން؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ވެރިންނާ ބައްދަލުކުރަން ކިޔޫގެ އެންމެ ކުރިއަށް އަރާއިރު ﷲ އާއި ކުއްތަންވާން އެންމެ ކުރިއަށް ނާރައި ސުވަރުގެ ލިބުމަށް އެދެނީ ކިހިނަކުން؟

ވެރިއަކު މީސްތަކުންގެ ކުރިމައްޗަސް ނުކުމެއްޖެނަމަ ބައްދަލުކުރަން ކިޔޫގެ އެންމެ ކުރިއަށް އަރަން މަސައްކަތްކުރެއެވެ. އެންމެ ކުރީ ސަފުން ޖާގަ ހޯދުމުގެ ބޭނުމުގައި އެތައް ގަޑިއެއްގެ ކުރިން ކިޔޫގައި މަޑުވެސް ކުރެއެވެ. އެތައް ގަޑިއިރެއް ވަންދެން ގަދައަވީގައި ހުންނަން ޖެހުނު ނަމަވެސް އެއްވެސް ޝަކުވާއެއް ނުކުރެއެވެ. 

ވީއިރު މިފަދަ ސަމާލުކަމެއް ﷲ ތަޢާލާ އާއި ކުއްތަންވުމަށް ނުދެނީ ކީއްވެގެން ހެއްޔެވެ؟ މީސްތަކުންނަށް ﷲ ތަޢާލކާ އާއި އެންމެ ކުއްތަންވެވޭ ދެ ހާލަތެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ޙާލަތަކީ ނަމާދުގައި ކުރާ ސަޖިދައެވެ. އަހަރެމެންނަށް ބަރާބަރަށް ސަޖިދަ ކުރެވޭ ހެއްޔެވެ؟ ސަޖިދަ ކުރެވުނު ނަމަވެސް މިއޮވެވެނީ ﷲ ތަޢާލާ އާއި ތިމާއަށް ކުއްތަން ވެވޭނެ އެންމެ ބޮޑަށް ކުއްތަން ވެގެންކަން ހިތަށް ގެނެވޭ ހެއްޔެވެ؟ 

ދެވަނަ ޙާލަތަކީ ރޭގަނޑުގެ 3 ބައިން ފަހުބައެވެ. އެބައިގައި ﷲ ތަޢާލާ ބިމުގެ އުޑަށް ވޮޑިގަންނަވައެވެ. އެއީ ދުނިޔެއާއި އެންމެ ގާތަށް ވޮޑިގަންނަވާ ޙާލަތެވެ. އެހެންކަމުން އެއީ މީސްތަކުންނާއި އެންމެ ގާތަށް ވޮޑިގަންނަވާ ޙާލަތެވެ. ވަގުތެވެ. އަދި 3 ވަނަ އުޑަށް ފައިބައިވޮޑުގަތުމަށްފަހު "ތިމަން ﷲގެ ޙަޟްރަތުން ކަންކަމުގައި އެދި ދަންނަވާ ބައަކީ ކޮބައިތޯ އެބަ ސުވާލުކުރައްވަވައެވެ. 

އަހަރެމެން ކޮބައި ހެއްޔެވެ؟ ތިބެނީ ގަދަ ނިދީގައި ނިދާފައި ނޫން ހެއްޔެވެ؟ ނޫން ނަމަ ﷲ ތަޢާލާ ނަހީކުރައްވަވާފައި ކޮންމެވެސް ކަމެއް ކުރުމުގައި ޣާފިލުވެގެން ނޫންހެއްޔެވެ؟ އެވަގުތުގެ ބަރަކާތް ޙާޞިލުކޮށް ﷲ ތަޢާލާ އަށް އަޅުކަންކޮށް ދުޢާކުރަން ތިބެނީ ހާހަކުން އެންމެ މީހަކު ނޫން ހެއްޔެވެ؟ ނަމަވެސް ހެނދުނު ވުމުން ނިދީން ހޭލާފައި މިއެދެނީ ﷲ ތަޢާލާގެ ރަޙްމަތްފުޅަށް ނޫން ހެއްޔެވެ؟ 

ނިކަން ވިސްނައިލަބަލާށެވެ! ރަސްގެފާނު ހަދިޔާ ހިއްޕަވައިގެން މިރޭގެ ވަކި ވަގުތެއްގައި ވަޑައިގަންނަވާކަން އެބަ އެނގެއެވެ. ނަމަވެސް ރަސްގެފާނު ވަޑައިގެން ޓަކިޖެއްސެވުމުންވެސް ތިބާ ނުހޭލަމުއެވެ. ދޮރު ހުޅުވައި ހަދިޔާ ލިބިގަންނަން މަސައްކަތެއް ނުކުރަމުއެވެ. ދެން ނިދީން ހޭލެވުމާއިއެކު ރަސްގެފާނު ބެއްސެވި ހަދިޔާ ނުލިބިގެން ޝަކުވާ ކުރެވިދާނެހެއްޔެވެ؟ އަދި އަދި އެ ހަދިޔާއަށް އެދެވިދާނެ ހެއްޔެވެ؟

މީސްތަކުންނޭވެ! މިއީ މިއަދު ހަމަ ހުރިހާ މުސްލިމުންވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހިފައިވާ ކަމެކެވެ. ހުރިހާ މުސްލިމުން ކަމަސް މިބުނީ ކުރިން ބުނި ފަދައިން މިކަމަށް ސަމާލުކަން ދޭ މުސްލިމުންގެ އަދަދު މަދުކަމުންނެވެ! ޤިޔާމަތް ދުވަހު ސުވަރުގެ ލިބުމަށް އެދޭނަމަ މިކަމަށް އިތުރަށް ސަމާލުވާން އެބަ ޖެހެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން